ހުުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި، ވިކްޓިމްގެ ޤާނޫނީ ވަކީލަކު މީސް މީޑިއާގައި އާންމުކޮށްފައިވަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
ވިކްޓިމްގެ ޤާނޫނީ ވަކީލަކުން ވަނީ ފުލުހުންނަށް ދިން ބަޔާނަށް އުނި އިތުރު ގެނެސް ބަދަލުކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހެޅުމަށްވެސް ނިންމާފައިވެއެވެ. އޭގެއިތުރުން ވަކީލުން ވަނީ ތަހުޤީޤް މަރުހަލާގައި ދެކެވުނު ވާހަކަތަކެއް ކަމަށް ބުނެ ވިޑިއޯއެއްވެސް އާންމުކޮށްފައެވެ. އެ ވީޑިއޯގައި އިންވެސްޓިގޭޓިވް އޮފިސަރަކު ވާހަކަދައްކާ އަޑު އިވެއެވެ.
އެ މައްސަލާގައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ ކްލިފަކީ މައްސަލައަކާއި ގުޅިގެން އެ މައްސަލައިގެ ވިކްޓިމާއާއި ސްކައިޕް މެދުވެރިކޮށްކުރެވިފައިވާ އިންޓަރވިއު ރެކޯޑިންގއަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓްކުރުގެ މަރުހަލާގައި ތަޙްޤީޤްކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއްކަމަށެވެ. އަދި މިއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާކަމެއް ކަމަށް ދޭހަވާގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަޤީޤަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި ވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ޤާނޫނީ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުޢާމަލާތެއް ނޫންކަމަށާއި، ތަޙްޤީޤަށް ކުރެވޭ އިންޓަރވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރުކުރުމަށް ތަޙްޤީޤުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމާއި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަޙްޤީޤްކުރާފަރާތްތަކުން ބަޔާން ޑްރާފްޓްކުރުމަކީ އާންމު އުސޫލުންވެސް އަމަލުކުރެވޭ ގޮތްކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ ތަޙްޤީޤަށް ނެގޭ ބަޔާން ބަދަލުކުރުން ނޫން ކަމަށް ފުލުުހުން ބުންޏެވެ.
ފުލުހުން ބުނީ ތަޙްޤީޤުގައި ކުރެވޭ އިންޓަރވިއުއަށް ފަހު، ލިޔެވޭ ބަޔާން އިންޓަރވިއު ކުރެވޭ ފަރާތާއި އިންޓަރވިއު ކުރެވޭ ފަރާތުގެ ޤާނޫނީ ވަކީލުން ބަލައި ޗެކްކުރުމަށްފަހު ގެންނަން ބޭނުންވާ ބަދަލެއް އޮތްނަމަ އެ ބަދަލެއް ގެނައުމަށްފަހު ސޮއިކޮށް އިނގިލީގެ ނިޝާންޖެހުމަކީ ތަޙްޤީޤުގައި އާންމުކޮށް އަމަލުކުރެވޭ އުސޫލުކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިހާރު އޮންލައިންކޮށް އިންޓަވިއުކުރުމަށް އަމަލުކުރާ އުސޫލުގައި އިންޓަރވިއުކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު އެފަރާތުން ބޭނުންވާ އިސްލާޙުތައް ގެނައުމަށް ބަޔާނުގެ ސޮފްޓްކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާނެކަމަށް ފުލުހުން ބުުންޏެވެ.
ފުލުހުން ބުނީ މީސްމީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯ ކްލިޕަކީ ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލައިގެ ވިކްޓިމްގެ ފަރާތުން ވަކާލާތުކުރުމަށް ޤާނޫނީ ވަކީލުން އައްޔަނުވުމަށްފަހު، ކުރިން ތަޙްޤީޤަށް ވިކްޓިމް ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް އިތުރު މަޢުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމް އާއި އަލުން އިންޓަރވިއު ކުރުމަށް އެދި ވިކްޓިމްގެ ޤާނޫނީ ވަކީލުން ލިޔުމުން ހުށަހެޅުމުން ޤާނޫނީ ވަކީލުންގެ ޙާޟިރުގައި ކުރެވިފައިވާ އިންޓަރވިއުއެއްގެ ފަހުގައި ދެވަނަ ފަހަރަށް އިންޓަރވިއު ފެށުމާއި ދޭތެރޭ ތަޙްޤީޤްކުރި ފަރާތްތަކުން ބަޔާނުން އިސްލާޙުކުރުމަށް ހުށަހެޅުނު ކަންކަމާއި މެދު މަޝްވަރާކުރުމަށް ދެކެވުނު ވާހަކަތެއް ކަމަށެވެ.
މީސްމީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯއަކީ ތަޙުޤީޤްގެ ބޭނުމަށް ފުލުހުން ކޮށްފައިވާ އިންޓަރވިއުއަކަށްފަހު ކުރެވިފައިވާ ރެކޯޑަކަށްވާއިރު މި އިންޓަރވިއުއަށް ވަކީލުންނަށް އެކްސެސްދީފައިވަނީ ތަޙްޤީޤުގެ ބޭނުމަށްކަމަށްކަމަށާއި، އިންޓަރވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމްއާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމާތު ހާމަވާނެހެން، މުޖުތަމަޢުގެ ތެރެއަށް ވީޑިއޯ މިގޮތަށް އާންމުކުރުމަކީ ވިކްޓިމްގެ ހައްޤުތަކަށް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއްކަމުގައި ދެކޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސަރވިސް އިން ހިންގާ ޖިނާޢީ ތަޙްޤީޤްތަކުގައި ބައިވެރިވާ ޤާނޫނީ ވަކީލުން ތަޙްޤީޤުގެ ތެރޭގައި ކުރެވޭ އިންޓަރވިއު ނުވަތަ މަސައްކަތްކުރާ ގޮތަކާއި މެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފައިވާ ނިޒާމްގެ ބޭނުންކުރުމެއް ނެތި އިންޓަރވިއު ރެކޯޑިންގެ ބައިތައް ފަދަ ތަޙްޤީޤާއި ގުޅުންހުރި މަޢުލޫމާތު ހިމެނޭ ކޮންޓެންޓް އާންމުކޮށް، ކުށުގެ އަނިޔާލިބޭ ފަރާތްތަކުގެ މަޢުލޫމާތުމިގޮތަށް އާންމުކުރުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޞައްވުރުކިލަނބުވާ ގޮތަށް ހަޤީޤަތާއި ޚިލާފު ތުހުމަތުކޮށް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބުއަމަލެއްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ޝަކުވާ އުފުލި ފަރާތުން މިމައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެކަމަށް ބަޔާންކޮށްފައިވާތީ އެކަމާއި ގުޅިގެން އެ ކޮމިޝަނުން ކުރާ ތަޙްޤީޤަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި އަދި މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލައިއަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާކަމަށެވެ.