ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 14:52
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މީޓިންގ ވީޒާ އާއި ކޯޕަރޭޓް ރެސިޑެންޓް ވީޒާ
މީޓިންގ ވީޒާ އާއި ކޯޕަރޭޓް ރެސިޑެންޓް ވީޒާ އާގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރާ ކޮމެޓީން ބައްދަލުކޮށްފި
ކޮމެޓީގައި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ މީޓިންގ ވީޒާ އާއި ކޯޕަރޭޓް ރެސިޑެންޓް ވީޒާއާ ގުޅޭގޮތުން

މީޓިންގ ވީޒާ އާއި ކޯޕަރޭޓް ރެސިޑެންޓް ވީޒާ އާގުޅޭ ގޮތުން، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަން އާއި ޖެންޑަރ، ފެމިލީ އެންޑް ސޯސަލް ސަރވިސަސް އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިސްބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބައްދަލުކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ކަމާހެބޭ އިދާރާތަކުގެ ބޭފުޅުންނާ މަޝްވަރާކޮށް، މައުލޫމާތު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.

ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ނަގަމުންއައި ވާރކް ވީޒާގެ ބަދަލުގައި ވާރކް ޕާރމިޓެއް ދޫކުރާގޮތަށް ހަމަޖައްސައި، ވާރކް ޕާރމިޓް ދޫކުރުމާގުޅޭ އެންމެހައި ކަންކަން، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން، ވަޒީފާއާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވުޒާރާއިން ކުރާގޮތަށް ހަމަޖެއްސުމެވެ. އަދި މީޓިންގ ވީޒާ އާއި ކޯޕަރޭޓް ރެސިޑެންޓް ވީޒާގެ ގޮތުގައި ވީޒާގެ ދެ ބަވަތެއް ތައާރަފް ކުރުމަށްޓަކައި އެގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ބިލާ ގުޅިގެން ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވަޑައިގެން ވިދާޅުވީ، މީޓިންގ ވީޒާއެއް ތައާރަފް ކުރުމުގެ މައިގަނޑު ބޭނުމަކީ، ވިޔަފާރީގެ ފުރުސަތުތަކަށް ވީޒާ ދޫކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ބައިވަރު އެކިއެކި އިންވެސްޓްމަންޓްތަކަށާއި އެކްސްޕްލޯ ކުރަން އަންނަ ފަރާތްތައް މިއަންނަންޖެހެނީ، އެއްގޮތަކުން ވެއްޖިއްޔާމު ޓޫރިސްޓް ވިސާއެއްގައި، ޓެކްނިކަލީ އެއީ ގާނޫނާ ހިލާފްކަމެއް. އެހެން ނޫނީ މިޖެހެނީ ބިޒިނަސް ވީޒާއެއް ނަގަން. އެދަތިތައް ހުރީމައި އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެން، ފޮރިން އިންވެސްޓްމަންޓްތަކަށް ވީހާވެސް ފަސޭހަކޮށްދީ، ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކުރުމަށްޓަކައި އަޅުގަނޑުމެން ތައާރަފް ކުރަން ބޭނުންވި ވީޒާއެއް، މީޓިންގ ވީޒާ އަކީ،
އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ ފައްޔާޒު އިސްމާއީލް

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މީޓިންގ ވިޒާ ދޫކުރުމުގެ ވިސްނުންހުރީ، ރާއްޖޭގައި ހިންގަމުންދާ ވިޔަފާރިއަކުން، ދައުވަތު ދިނީމައި، އެ މީހާ ރާއްޖެ އަންނަ ވަގުތު، އޮންއެރައިވަލް ވިޒާއަށް މީޓިންގ ވީޒާއެއް ދޫކުރާ ގޮތަށް ކަމަށެވެ. އަދި މި ވީޒާ ދޫކުރުމުގައި އިކޮނޮމިކް މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެއްވެސް ފަރާތަކަށް މީޓިންގ ވީޒާ ދޫކުރާނީތޯ، ނުވަތަ ނޫންތޯ ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނާނީ އިމިގްރޭޝަނަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޯޕަރޭޓް ރެސިޑެންޓް ވީޒާއާ ގުޅޭގޮތުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ކޯޕަރޭޓް ރެސިޑެންޓް ވީޒާގެ ގަވާއިދުގައި މިހާރު އޮތީ އެއް މިލިއަން ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަންޖެހޭ ގޮތަށް ކަމަށާއި ނަމަވެސް މި ކޮމެޓީން މީގެކުރިން ބޭއްވި ބައްދަލުވުމުގައި ކުރެވިފައިވާ މަޝްރަވަރާތަކުން އެ އަދަދު ކުޑަކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދެކެވުނު ކަމަށާއި އެގޮތުން، 500،000 ޑޮލަރު ނުވަތަ 250،000 ޑޮލަރު ފިކްސް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް ކަނޑައެޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ކޯޕަރޭޓް ރެސިޑެންޓް ވީޒާއިން، ވީޒާ 5 އަހަރަށް ލިބުން ފިޔަވާ އިތުރު ބެނިފިޓް (ފައިދާ) ތަކެއް ލިބޭގޮތަށް ހަމަޖެހިފައި ނުވާކަމަށެވެ. މީޓިންގ ވިޒާ ދޫކުރުމަށް މިހާރު ނިންމާފައިވާ 5 ދުވަހުގެ މުއްދަތު 14 ވަރަކަށް ދުވަހަށް އިތުރު ކުރުމަށްވެސް ބައެއް މެމްބަރުން މި ކޮމެޓީގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، 14 ދުވަހަށް މުއްދަތު އިތުރު ކުރުމަކީވެސް މައްސަލައެއް އޮތް ކަމެއް ނޫންކަމަށާއި ބޭނުންވެލައްވަނީ ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް އޮތުން ކަމަށާއި ވީހާވެސް، އިންވެސްޓަރުންނަށް ވީހާވެސް ފަހި ފުރުސަތުތަކެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކޮމެޓީގެ މިބައްދަލުވުމުގައި ވަނީ، ވީޒާއާ ގުޅޭ އިސްލާހުގެ މިބިލާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ގެންނަން ބޭނުންވާ އިސްލާހުތައް ހިމެނޭ ލިޔުމެއް 7 ދުވަހުގެ ތެރޭގައި ކޮމެޓީއަށް ހިއްސާ ކޮށްދެއްވުމަށް އެދިފައެވެ.

- ކޮމެންޓް