ކ. ތިލަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޑިޒައިންގެ މަސައްކަތްތައް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
ތިލަފުށީގެ މަގުތައް މަރާމާތު ކުރުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރެވުނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވެގެން އުޅޭ ސަބަބެއް އޮޅުންފިލުވުމުގެ ގޮތުން ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ، މި މަސައްކަތް ކުރަން އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ޕްރައިވެޓް ލިމިޓެޑް (ޖީއެމްއައިޒެޑް) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އެއްކޮށްލަން ސަރުކާރުން ނިންމުމާއި ގުޅިގެން ދަތިތަކެއް ކުރިމަތިވީ ކަމަށެވެ.
މިހާރު މަސައްކަތް އޮތް ހިސާބު ކިޔައިދެއްވަމުން މޫކޭ ވިދާޅުވީ މިހާރު އޮތް ޑިޒައިން މަރުހަލާގެ މަސައްކަތް ކުރަމުން ގެންދަނީ އެޗްޑީސީން ކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ގޮތުން އާރްޑީސީން ސަރވޭތަކެއް ހަދާފައި ވީނަމަވެސް، މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނީ އެޗްޑީސީން ޑިޒައިން މަސައްކަތް ނިންމާލުމަށްފަހު އާރްޑީސީއާ ހަވާލުކުރުމުން ކަމަށް ވިދާޅުވިއެވެ.
އެހެންވީމަ މިހާރު އެޗްޑީސީން ޑިޒައިން ކުރުމުގެ މަރުހަލާގައި އުޅުއްވަނީ. ދެން އެކަން ނިންމާފައި އަޅުގަނޑުމެން ރަސްމީކޮށް މަސައްކަތް ހަވާލުކުރީމަ އަމަލީ މަސައްކަތް ފަށާނީ. މިހާރު ވެސް ކޮންމެވެސް ވަރެއްގެ ސަރވޭތަކެއް ހަދާ އަޅުގަނޑުމެން ވެސް ވާނީ އެ މަސައްކަތުގެ ތެރޭގައި ބައިވެރިވެފައި.އާރްޑީސީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު
ކ. ތިލަފުށީގެ މަގުތައް ތަރައްގީ ކުރުމާ ބެހޭ ގޮތުން 24 ޑިސެންބަރު 2019 ގައި ޖީއެމްއައިޒެޑް އާއި އާރްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖީއެމްއައިޒެޑް މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) ވިދާޅުވީ މަގު ހެދުމުގެ އަމަލީ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ތިލަފުށީގެ މަގުތައް މަރާމާތު ކުރަން 40 މިލިއަން ރުފިޔާ ހޭދަވާނެއެވެ. ތިލަފުށީގައި ވިޔަފާރިވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތިލަފުށީގެ މަގުތަކުގެ ހާލަތެވެ. މިމައްސަލައަށް ހައްލު ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.