ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 12:54
އިންޑިއާގެ އެކްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ލޯނުގެ އެއްވަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޑިއާގެ އެކްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ލޯނުގެ އެއްވަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
މާލެ- ތިލަފުށި ބްރިޖު
މާލެ-ތިލަފުށި ބްރިޖު އަޅަން 400 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ބްރިޖުގެ މަޝްރޫއު ޑިސެމްބަރު މަހު ފެށެނޭ
ގްރޭސް ޕީރިއަޑް އަކީ ފަސް އަހަރު
ބްރިޖާއެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ: ސަރުކާރު

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު މަޝްރޫއު ނުވަތަ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ-މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ގެ މަޝްރޫއުއަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް އިންޑިއާ) މެދުވެރިކޮށް ދޭން ނިންމާފައިވާ 400,000,000 އެމެރިކާ ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި އެގްޒިމް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގްޒިމް އިންޑިއާގެ ޖެނެރަލް މެނޭޖަރު ނިރްމިތް ވެޑްއެވެ.

އެއްބަސްވުމުގެ ލިޔެކިޔުންތައް ބަދަލުކުރަނީ

ބްރިޖުގެ މަޝްރޫއުއަށް އިންޑިއާގެ ހިލޭ އެހީގެ ދަށުން 100 މިލިއަން ޑޮލަރު ދޭން ވަނީ ހަމަޖެހިފައެވެ. ލޯނު އަނބުރާ ދައްކަން ދީފައިވަނީ 20 އަހަރުގެ މުއްދަތެވެ. ފުރަތަމަ ފަސް އަހަރު ކަނޑައަޅާފައިވަނީ ގްރޭސް ޕީރިއަޑްގެ ގޮތުގައެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ އިންޑިއާގެ އަރޫޕް ލިމިޓެޑްއެވެ. މަޝްރޫއުގެ ޓެންޑަރިން ހުޅުވާލައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕްރީ ކޮލިފިކޭޝަންއަށް ހުޅުވާލަން ވަނީ ހަމަޖެހިފައެވެ. ބްރިޖުގެ މަޝްރޫއު މި އަހަރުގެ ޑިސެމްބަރު މަހު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސްއިން ބުންޏެވެ.

މާލެ-ތިލަފުށި ބްރިޖު ގުޅާލުމުން ހުޅުމާލެއިން ފެށިގެން ތިލަފުށްޓާ ދެމެދު އެއްގަމު ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލެވި، ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރު ފަތުރު ކުރުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ބްރިޖަކުން ގުޅާލެވުމުން އެއްގަމު މަގުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދެވުމުގެ ފުރުސަތު ހުޅުވިގެން ދިއުމާއެކު ސިނާއީ މަސައްކަތްތައް މީހުން ދިރިއުޅޭ ހިސާބުތަކުން ބަދަލު ކުރެވި މާލޭގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

ސަރުކާރުން ބުނީ، މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތައް އެކަށޭނެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމަކަށްވެފައި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ އެހެން ހުރިހާ ދާއިރާތަކެއް ކުރިއަރައިގެންދާނެ ކަމަށެވެ.

- ކޮމެންޓް