ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 14:32
ރާއްޖޭގައި މަސްވެރިކަމަށް ބޭޏުންކުރާ އުޅަނދުފަހަރުތަކެއް ބަނދަރުކޮށްފައި
ރާއްޖޭގައި މަސްވެރިކަމަށް ބޭޏުންކުރާ އުޅަނދުފަހަރުތަކެއް ބަނދަރުކޮށްފައި
ޝުއައިބް މުހައްމަދު އިގްބާލް
ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުން
ޗައިނާ އާއި ރަޝީއާގެ ބާޒާރަށް މަސް އެކްސްޕޯޓު ކުރުމަށް މަސައްކަތް ކުރަނީ
 
އައު މާކެޓްތަކެއް ހޯދުމަށް ކެނޑިނޭޅި މި އަންނަނީ މަސައްކަތް ކުރަމުން: މިނިސްޓަރ ޒަހާ
 
ކޮވިޑާއި ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު
 
މަސްވެރިކަން ކުރިއެރުވުމަށް ދަނީ މަސައްކަތް ކުރަމުން

ދިވެހި ސަރުކާރުން ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ތަންފީޒުކުރެވެމުން ނުދިޔަ ނަމަވެސް ޗައިނާ އާއި ރަޝިއާގެ ބާޒާރަށް ދިވެހި މަސް އެކްސްޕޯޓް ކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގިނަ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީންނާއި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ދޮށީގެ މަސްވެރިކަމުގައި ހުރި މައްސަލަތަކަށް ދިގު މުއްދަތަކަށް ހައްލު ހޯދުމުގެ ގޮތުން މަސް ގަތުމުގެ ވިޔަފާރި އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ބޮޑު ކަންނެލީގެ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި ޔޫރަޕަށް ބޭރުކުރެވޭ މަހުން ނަގާ ޑިއުޓީއަށް ލުޔެއް ހޯދަދިނުމަށް މަޝްވަރާތައް ކުރެވި، މިނިސްޓްރީން ހުށައަޅަންޖެހޭ ލިޔެކިއުންތައް ހުށައަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމަށް ޔޫރަޕިއަން ޔޫނިއަނުން ގޮތެއް ނިންމުމަށް އިތުރު ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް އެނާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ޗައިނާގެ ބާޒާރަށް ދިވެހި މަސް އެކްސްޕޯޓު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. ޗައިނާގެ ގަވާއިދުތައް އޮންނަ ގޮތުން އެގައުމަށް މަސް އެކްސްޕޯޓު ކުރެވޭނީ ވަކި ކަހަލަ ސެޓްފިކޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ޗައިނާގެ އިތުރުން ރަޝިއާގެ ބާޒާރަށްވެސް މަސް އެކްސްޕޯޓު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަޅުގަނޑުމެން ޗައިނާއާއި އެކަންޏެއް ނޫން، ރަޝިއާއާއި އެކީވެސް މަސައްކަތް އެބަކުރަން. ވިޔަފާރީގައި، މަސް އެކްސްޕޯޓުކުރުން ކުރިއަށް ގެންދެވޭތޯ.
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

ކޮވިޑް-19 ގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް އެކި މިންވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފާނަ އަދި ހުއިފިލަނޑާގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވިޔަފާރިއަށް ވަނީ ގެއްލުންތަކެއް ލިބިފަ ކަމަށެވެ.

ބޯޑަރުތައް ބަންދުކުރެވުމުން ރިސޯޓުތައް ބަންދުވެ، ފަރު މަސްވެރިކަން ކުރާ ފަރާތްތަކުގެ އާމްދަނީއަށްވެސް ވަނީ އަސަރުކޮށްފައެވެ. މި ހުރިހާ ދަތިތައް ހައްލުކޮށް، މަސްވެރިކަމުގެ ސިނާއަތުގައި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަން ޒަހާ ވަނީ ތަކުރާރުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް