ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 13:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި ލައިބްރަރީއެއް ހަދަނީ
ބިލްތަކާއި ރިޕޯޓްތަކާއި މަޖިލީހުގައި ލިޔާލިޔުންތައް އިސްތިރާކަށް އެދުމުގެ އިންތިޒާމު ހަމަޖައްސަނީ
މަޖިލީހުގެ ލައިބްރަރީއަކީ ރާއްޖޭގެ ރައްޔިތުންނަށާއި މަޖިލީހުގެ މެމްބަރުންނަށް ދިރާސާތައް ކުރުމަށް ރަނގަޅު ތަނެއްގެ ގޮތުގައި ބިނާކުރަމުން ގެންދިޔުމަކީވެސް ބޭނުމެއް
މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތައް އެއް ފޮތްބައެއްގެ ގޮތުގައި ނެރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ގެންދޭ
ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ލައިބްރަރީތަކާއި މަޖިލީހުގެ ލައިބްރަރީ އާއި ގުޅުން ބޭއްވުމަކީވެސް އަމާޒެއް

ރައްޔިތުންގެ މަޖިލީހުގައި ލައިބްރަރީއެއް ހެދުމުގެ މަސައްކަތްކުރަމުން އަންނައިރު މަޖިލީހަށް ހުށަހެޅި ބިލްތަކާއި، މަޖިލީހުން އެކިކަންކަމުގައި ތައްޔާރުކުރަމުންދާ ރިޕޯޓްތަކާއި އެހެންވެސް ލިޔުންތަކާއި މައުލޫމާތުތައް އިސްތިރާކަށް އެދޭ ފަރާތްތަކަށް އެކަން ހަމަޖައްސައިދިނުމަކީ މިލައިބްރަރީން ކުރާނެ އެމަސައްކަތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގައި ލައިބްރަރީއެއް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް މިހާރު ޑެޕިޔުޓީ ޑިރެކްޓަރ ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސާފައިވާކަމަށެވެ. މަޖިލީހުގައި ލައިބްރަރީއެއް ހެދުމުގެ ބޭނުމަކީ މަޖިލީހުގެ ޒަމާންވީ ލިޔުންތަކާއި އަދި މިހާރުވެސް މަޖިލީހުން ކުރަމުންދާ މަސައްކަތްތަކުގެ ޔައުމިއްޔާ، ރިޕޯޓް، ބިލް އަދި ޤާނޫނާއި މިބާވަތުގެ ހުރިހާ އެއްޗެއް އެއްތަނަކުން ފަސޭހައިން ފެންނާނެ ގޮތަކަށް އިންތިޒާމު ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކީގައި މަޖިލީހުގެ ލައިބްރަރީއަކީ ރާއްޖޭގެ ރައްޔިތުންނަށާއި މަޖިލީހުގެ މެމްބަރުންނަށް ދިރާސާތައް ކުރުމަށް ރަނގަޅު ތަނެއްގެ ގޮތުގައި ބިނާކުރަމުން ގެންދިޔުމަކީވެސް ބޭނުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޚާއްސަ ގޮތެއްގައި މިހާރު ލައިބްރޭރިއަންގެ މަސައްކަތާއެކުގައި މަޖިލީހުގައި ނަންބަރު ޖެހުން އިންތިހާއަށް ހައްދު ފަހަނައަޅައިގެން ދާނެ. އެއީ ރިފަރެންސް ނަންބަރު ދިނުން. އެހެންވީމާ މެމްބަރުން ތިހެން ތިއްބަވާފައި ލިޔުއްވާ ނޯޓެއްގައިވެސް މިހާރު އޮންނާނީ ރިފަރެންސް ނަންބަރު ޖެހި އެނޯޓުވެސް ޓްރެކް ކުރެވެމުން ދެވޭނެ. އެއްވެސް ގަނޑުކޮޅެއްގައި އެއްވެސް އެއްޗެއް ޖައްސަވައިފިއްޔާ ރިފަރެންސް ނަންބަރެއް ނިކުންނާނެ. އަދި އެއްވެސް އެއްޗެއް ވިދާޅުވިޔަސްވެސް ރިފަރެންސް ނަންބަރެއް އެކަމަކާއި ގުޅިގެން ނިކުންނާނެ. މިދަރަޖައަށް މިކަން ކުރަން ޖެހުނު ސަބަބަކީ އަޅުގަނޑުގެ ކަންބޮޑުވުން ހުންނާތީވެ، މައުލޫމާތައި ސަރުކާރުންނާއި ދައުލަތުން ކުރާ ކަންކަމުގެ ރިފަރެންސް އަޅުގަނޑުމެންނަށް ފަސޭހައިން ހޯދޭނެ ގޮތްތައް ނެތުން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތައް އެއް ފޮތްބައެއްގެ ގޮތުގައި ނެރުމުގެ މަސައްކަތް މިހާރު މަޖިލީހުން ކުރަމުން ގެންދާކަމަށެވެ. އަދި ލައިބްރަރީ މެދުވެރިކޮށް ޤާނޫނުތައް އެއް ފޮތްބަޔެއްގެ ގޮތުގައި ޤާނޫނުތަކުގެ ރިފަރަންސް ނަންބަރުތަކާއި ނޯޓްސްއާއި އެކީގައި ނެރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ލައިބްރަރީތަކާއި މަޖިލީހުގެ ލައިބްރަރީ އާއި ގުޅުން ބޭއްވުމަކީވެސް މިކަމުގެ ތެރެއިން ކުރަމުންދާ މަސައްކަތުގެ އަމާޒެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

- ކޮމެންޓް