ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 11:24
ސައުދީ އަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ޓުއަ ގައިޑް މައުލޫމާތު ދެނީ
ސައުދީ އަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ޓުއަ ގައިޑް މައުލޫމާތު ދެނީ
ރޮއިޓަރސް
ސައުދީ އަރަބިޔާގައި ފަތުރުވެރިކަން
ސައުދީގައި ޓުއަރ ގައިޑުންގެ އަދަދު 13،000 އަށް އިތުރުކުރަނީ
ގައިޑުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވޭ
ފަތުރުވެރިކަން ކުރިއަރުވަން އިތުރު ޕްލޭންތަކެއް ދަނީ ރާވަމުން
މިލިއަނެއްހާ ވަޒީފާ އުފެއްދުމުގެ މަސައްކަތް ކުރެވޭ

ސައުދި އަރަބިޔާގައި ފަތުރުވެރިންގެ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ އަދަދު 2030 ވަނަ އަހަރާ ހަމަޔަށް 13،000 އިތުރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސައުދީން އަމާޒު ހިފާފައިވަނީ އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 100 މިލިއަނަށް އިތުރު ކުރުމަށެވެ. މިކަމާއި ގުޅިގެން ސައުދީ ގައިޑެންސް އެސޯސިއޭޝަންގެ ޗެއާމަން ސައްތާމް އަލް ބަލަވީ ވިދާޅުވީ، މީގެ ދެ އަހަރު ކުރިން ފަތުރުވެރިންގެ ގައިޑުންގެ އަދަދަކީ 600 ކަމަށެވެ. ނަމަވެސް މިހާރު ގައިޑުންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ އަދަދު އުޅެނީ 900 ގައި ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރިއެރުމުގެ ގޮތުން ފަތުރުވެރިން ޒިޔާރަތްކުރާ ސައުދީގެ މަންޒިލްތައް ދެ އަހަރު ތެރޭގައި 150 ޕަސެންޓް އިތުރު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެއެވެ. ސައުދީން ބޭނުންވަނީ އެ ގައުމުގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ޖީޑީޕީގެ 10 ޕަސެންޓަށް އިތުރުކުރުމަށެވެ. އަދި މިއާއެކު އިތުރު އެއް މިލިއަން ވަޒީފާ އުފެއްދުމެވެ.

އަލް ބަލަވީ ވިދާޅުވީ، މި އަހަރުގެ ހޫނު މޫސުމުގައި ފަތުރުވެރިންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ ހުޅަނގު ދެކުނުގައި އޮންނަ އަސީރު ސަރަހައްދު ކަމަށެވެ. އަސީރު ސަރަހައްދުގައި އޮންނަ ތަބުކް، އަލް ވަޖްޙް އަދި އުމްލުޖްގެ އިތުރުން ޔަންބުއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނެވެ. މި ސަރަހައްދުތަކުގައި ބިޔަ މަޝްރޫއުތައް ފެށިގެން ދިޔުމުން ކުރިޔަށް އޮތް އަހަރުތަކުގައި ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.

ބަލަވީ ވިދާޅުވީ، ގައިޑުންނަށް ދުވާލެއްގެ މައްޗަށް އުޖޫރު ދިނުމުގައި ބަލަނީ، އެ މީހުންގެ ހުނަރާއި، ގާބިލްކަމާއި، ތަޖުރިބާގެ އިތުރުން މާކެޓް ކުރުމުގެ ހުނަރު އަދި ޓުއާ އޮޕަރޭޓަރުންގެ އިތުބާރު ހޯދާފައިވާ މިންވަރު ކަމަށެވެ. ގައިޑަކަށް މަހެއްގެ މައްޗަށް 260 އާއި 300 ޑޮލަރު ދެމެދުގެ މުސާރައެއް ލިބެއެވެ.

- ކޮމެންޓް