ރާއްޖެ އާއި އިންޑިއާއި ދެމެދު ދަތުރު ފަތުރުން ގުޅުވާލުމާ ގުޅޭ ވެބިނަރ އެއް ބާއްްވަން ނިންމައިފިއެވެ.
އިންޑިއާ މޯލްޑިވްސް ޓްރެވެލް ކަނެކްޓްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވެބިނަރ އަކީ ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ވެބިނަރ އެކެވެ.
މޯލްޑިވްސް ޓްރެވެލް ކަނެކްޓް ވެބިނަރ ކުރިއަށްދާނީ ރާއްޖެއާއި އިންޑިއާގެ ޓްރެވެލް އެސޯސިއޭޝަންތަކާއި ގުޅިގެންނެވެ.
އެގޮތުން އޮކްޓޯބަރު 13 ވަނަ ދުވަހު ހެނދުނު ބޭއްވުމަށް ތައްޔާރުވަމުންދާ މި ވެބިނަރގައި އިންޑީއާއިން ބައިވެރިވަނީ އައުޓްބައުންޓް ޓުއަރ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއާ، ޓްރެވެލް އެެޖެންޓްސް އޮފް އިންޑިއާ، ކޮންފަޑޭރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީއާއި، އިންޑިއަން އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓާސް، އަދި ދަ ސޮސައިޓީ ފޯރ އިންޓެންސިވް ޓްރެވެލް އެކްސެލަންސްއެވެ.
މީގެ އިތުރުން ރާއްޖެއިން މި ވެބިނަރގައި އެމްއެމްޕީއާރްސީއާއި، އެސޯސިއޭޝަން އޮފް ޓްރެވެލް މޯލްޑިވްސްއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް ބައިވެރިވާނެއެވެ.
އިންޑިއާ މޯލްޑިވްސް ފޭސްބުކް ޕޭޖުން ވަގުތުން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ މި ވެބިނަރއަކީ މުހިއްމު ވެބިނަރއެއް ކަމަށާއި ރާއްޖޭގެ ކަނޑުގެ ރީތި ކަމާއި ގުދުރަތީ ރީތިކަން މުޅި ދުނިޔެއަށް ދައްކާލަންވީ ވަގުތު ކަމަށް އިންޑިއަން ހައިކޮމިޝަނުން ކުރި ޓުވީޓުގައި ވަނީ ބުނެފައެވެ.
އަދި މިފަދަ ވެބިނަރއެއްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އިންޑިއަން ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންޑިއާ ހައިކޮމިޝަނުން އިން މިފަދަ ވެބިނަރއެއް ބޭއވުމަަށް ތައްޔާރުވަމުންދާއިރު އިންޑިއާގެ ކޮޗިން އާއި ރާއްޖޭގެ ކުޅުދުއްފުށި ސިޓީ އާއި ދެމެދު ފެށި ކާގޯ ފެރީގެ ހިދުމަތާއި އެކު ކުޅުދުއްފުށި ސިޓީ ބޮޑެތި ޝިޕިން އެޖެންސީތަކުގެ މެޕަށް ވަނީ އަރާފައެވެ.
ސެޕްޓެމްބަރު 26 ވަނަ ދުވަހު ފެށި ކާގޯ ފެރީގެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް އިންޑިއާގެ އިމްޕޯޓަރުންނާއި އެކު މަޝްވަރާކޮށް މުދާ ވިއްކުމަށް ފަސޭހަ ވާނެ އެވެ. އަދި މި ހިދުމަތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓާއި ދެމެދު އޮންނަ ފަރަގު ކުޑަކުރުން ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.