ޕާކިސްތާންގެ ކޮމްސެޓްސް ޔުނިވަރސިޓީގެ ''އިސްލާމްއާބާދް ސްކޮލަރޝިޕް 2021'' ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޕާކިސްތާންގެ ކޮމްސެޓްސް ޔުނިވަރސިޓީގެ ފަރާތުން މާސްޓަރސް ލެވެލްގެ ޕްރޮގްރާމްތަކަށާއި ޕީއެޗްޑީ ލެވެލްގެ ޕްރޮގްރާމްތަކަށް އަމިއްލަ ގޮތުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާކަން އަންގަވާފައިވާ ކަމަށެވެ. މި ފުރުސަތުގެ ދަށުން ހޮވޭ ފަރާތްތަކަށް މާސްޓަރސް ލެވެލްގެ ޕްރޮގްރާމްތަކަށާއި ޕީއެޗްޑީ ލެވެލްގެ ޕްރޮގްރާމްތަކުގެ ކޯސްފީ ހިލޭ ހަމަޖެހިފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.
ޔުނިވަރސިޓީ އަދި ކޯސްތަކާއިބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް ވަނީ އަޕްލޯޑް ކޮށްފައެވެ. އަދި މި ސްކޮލަރޝިޕާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި އެޔުނިވަރސިޓީގެhttp://ww3.comsats.edu.pk/internationalstudents/default.aspxވެބްސައިޓުން ލިބޭނެއެވެ.
މި ސްކޮލަރޝިޕްއަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށައަޅާނީhttp://international.admissions.comsats.edu.pk/މެދުވެރިކޮށްކަން ފާހަގަކޮށް ހަޔަރ އެޑިޔުކޭޝަނުން ބުނީ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަސް ކަމަށެވެ. އަދި މި ސްކޮލަރޝިޕް ފުރުސަތަށް އިއުލާން ކުރުމަށް ލިބުނު ވަގުތު ކުޑަވުމާއެކު އެޕްލިކޭޝަން ހުށަހެޅުމަށް ދެވިފައިވާ ވަގުތު ކުޑަ ކުރަން ޖެހުނު ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގާބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ.