ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 16:15
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
ޔައުޤޫބުގެ ގޮނޑީގެ މައްސަލަ
ޔައުޤޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށަނީ
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް
ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށް މައްސަލައިގެ އަޑުއެހުމެއް ތަވާލްކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް (ހަލީމްބާއި) އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށް މައްސަލައިގެ އަޑުއެހުމެއް ތަވާލް ކޮށްފައިވާ ކަމަށެވެ. އެއީ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

މެމްބަރު ޔައުގޫބްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވަނީ އޭނާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވުމާ ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެއެވެ. ނަމަވެސް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް މެމްބަރެއްގެ ގޮނޑި ގެއްލޭ ހަތަރު ހާލަތެއް ބަޔާން ކޮށްފައިވެއެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވާގޮތުގައި މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ޤާނޫނު އަސާސީގައި ބުނެފައިވާއިރު، އެފަދަ ހާލަތެއް މެދުވެރިނުވާކަމުގައިވާނަމަ އެ މެމްބަރެއްގެ މެމްބަރުކަމެއް ނުގެއްލޭނެ އެވެ.

މައްސަލާގައި ޔައުޤޫބް ވިދާޅުވެފައިވަނީ، ގޮނޑި ގެއްލިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ، އެކަމުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން، އެ ކައުންސިލްގައި އިންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކިވަޑައިނުގަންނަވާތީ ކަމަށެވެ.

ކުރިން ނޫސްވެރިކަމުގެ ދާއިރާގައި އަދި ފަހުން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި، ހަލީމް ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލައެއް ސުޕްްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެއީ މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އާއި ކިނބިދޫ ދާއިރާގެ މެމްބަރުގެ މުހައްމަދު ނާޝިޒުގެ ގޮނޑީގެ މައްސަލައެވެ. އެ މައްސަލަ ހުށަހެޅުއްވީ ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ އެތައް ދުވަހެއް ވަންދެން ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންގޮސް ބޭއްވުމަށްފަހު، އެ ދެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމީ އެ ދެ މެމްބަރުން ޑީއާރުޕީން އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންނެވުމާއެކުއެވެ.

- ކޮމެންޓް