ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަދެވޭ ވަރަށް ފައިސާ އެބަހުރި ކަމަށާއި 65 އަހަރުން މަތީ މީހުންނަށް ދޭންޖެހޭ އިނާޔަތް ދެވޭވަރަށް ވެސް ފައިސާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ދައުލަތުގެ މުވައްޒަފުންނަށް ކިހާ ދުވަހަކު މުސާރަ ދެވޭވަރަށް ފައިސާ ހުރިތޯ އާއި 65 އަހަރުން މަތީ މީހުންނަށް ކިހާ ދުވަހަކު ފައިސާ ދެވޭނެ ވަރަށް ދައުލަތުގައި ފައިސާ ހުރިތޯ އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
އަދި މި ހާލަތުގައި ވެސް ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައި ނުވާނެ ކަމަށާއި މުސާރަ ކުޑަކުރީ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ މީހުންގެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑުމެން ކުރިން ހިންގަމުންދިޔަ ޕްރޮޖެކްޓްތަކަށްވެސް ބަރާބަރަށް ބިލްތައް ދައްކަމުން މިދަނީ. ސޯޝަލް ސެކްޓަރވެސް ބަރާބަރަށް އެބަ ހިނގާ. ހެލްތު ކެއަރ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްވެސް ކުރަމުން މިދަނީ. ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭވަރަށް ފައިސާ އެބަހުރި އިނގޭތޯ. ކޭޝް ފްލޯ މެނޭޖްކުރަމުން މިދަނީ ބަރާބަރަށް. މީގެއިތުރުން 65 އަހަރަށްވުރެ މަތީ ބޭފުޅުންނަށް ދޭންޖެހޭ ޕޭ، 5000 ރުފިޔާގެ އިނާޔާތް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައިވެސް ދެމުން ގެންދާނީ. އޭގެއިތުރުންވެސް ތަރައްޤީއަށް ގެންނަންޖެހޭ ކަންތައްތައް ދެމުންގެންދާނީ.ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
މިނިސްޓަރ އިތުރަށް ވިދާޅުވީ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓި ކުރިޔަށްދާ ކަމަށެވެ. އަދި ހެލްތު ކެއަރ ކެޕޭސިޓީއަށް އިންވެސްޓް ކުރަންޖެހުނު މިންވަރުު އިންވެސްޓް ކުރުމުގެ ސަބަބުން ކޮވިޑް19 ކޮންޓްރޯލް ކުރެވިފައިވާ ތަން ފެންމަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތަށް އެ މަސައްކަތްތައް ކުރުމުގެ ސަބަބުން އެންމެ ފުރަތަމަ އިންޑިޔާގެ ޕޫނޭއަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފޮނުވިނަމަވެސް މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހި ކެޕޭސިޓީ އިތުރު ކުރެވިގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮވިޑް ފެސިލިޓީތައް ގާއިމު ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.