ކުރިއަށް އޮތް ދެއަހަރެއްހާ ދުވަސްތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ދަނޑުވެރިކަމުން އުފެއްދޭނެ ކަަމަށް އެގްރޯ ނެޝެނަލް ކޯޕަރޭޝަންއިން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުގައި ދަނޑުވެރިކަން އާލާކުރުމުގެ ކަންކަން ވަކި ނިޒާމެއްގެ ތެރެއިން ރޭވިފައިނުވާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި ކުންފުންޏެއް އުފައްދައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިސާލަކަށް ފިޝަރީޒް ކުރިއެރުވުމަށްޓަކައި ވަކި ކަހަލަ ކުންފުންޏެއް އުފެދިގެން މަސްވެރިންބާނާ މަސް ގަނެ ވިއްކޭނެ އިންތިޒާމްތަކެއް ހަމަޖެހިގެން ދިއުމުގެ ސަބަބުން ހަޤީގަތުގައި މިއަދު މަސްވެރިކަމުގެ ދާއިރާވެސް މިއޮތީ ކުރިއަރާފައިއެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ ހާރޫން ރަޝީދު
ރަނގަޅު ޕްލޭނެއްގެ ތެރެއިން ރާއްޖޭގެ ފުޑް ސެކިއުރިޓީ ބެލެހެއްޓުމުގެ މުހިއްމު ކަމުގެ މައްޗަށް ހާރޫން ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ދިވެހިންނަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ބައެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމް ކުރަންޖެހޭ ކަމަށާއި، ރާއްޖޭގެ އުފެއްދުންތައް ގިނަކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރު ރާއްޖެއިން ހަޤީގަތުގައި އުފެއްދެން އެބަޖެހޭ.މިކަން އިންތިޒާމް ކުރެވިގެންދާއިރު އަމާޒަކީ މި ދެއަހަރު ތެރޭގައި މިކަންކަން ކޮންމެވެސްކަހަލަ ކޮޅެއްގައި ޖައްސައިގެން ރައްޔިތުންނަށް ވީހާ ބޮޑަކަށް މީގެ މަންފާ ލިބޭނެ ގޮތަކަށް މި ކަންކަން ކުރުންއެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ ހާރޫން ރަޝީދު
ހާރޫން ވިދާޅުވީ މިހާރުއޮތް ޕްލޭނާއި އެއްގޮތަށް ކަންކަން ހިނގަމުންދާނަމަ އަންނަ އަހަރުގެ ޖެނުއަރީ މަހު ދަނޑުތަކުގެ އަމަލީ މަސައްކަތް ރާއްޖޭގެ ރަށްތަކުން ފެނިގެންދާނެ ކަމަށެވެ. އަދި ދަނޑުވެރިން ހައްދާ ތަކެތިން ބޮޑު މާކެޓެއް އުފައްދައި ދެއަހަރު ތެރޭގައި ރައްޔިތުންނަށް ވީހާވެސް ބޮޑަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށެވެ.