ކުދި ޤައުމުތަކުގެ އިގްތިސާދުތަކަށް ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ބޮޑެތި ގައުމުތަކަށް އެ ގައުމުތަކުން ދައްކަން ޖެހޭ ދަރަނި ދެއްކުން އަންނަ އަހަރަށް ފަސްކޮށް ދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލެއްވި ގޮވާލެއްވުން، ވަރލްޑް ބޭންކްގެ ރައީސް ޑޭވިޑް މަލްޕާސް ތަކުރާރުކުރައްވައިފިއެވެ.
ޖަރުމަންވިލާތުގައި ނެރޭ ވިޔަފާރި ނޫހެއްކަމަށްވާ ހެންޑެލްސްބްލަޓްއަށް ނިމުނު ހަފްތާގައި ދެއްވި އިންޓަރވިއުއެއްގައި މަލްޕާސް ވިދާޅުވީ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ބައެއް ގައުމުތަކަށް ދަރަނި ދެއްކުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ގައުމުތައް އިތުރަށް ދަރަނިވެރިވިޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ދަރަނި ދެއްކުން ލަސްކުރުން ނުވަތަ ލުއި ގޮތްތަކެއް ހޯދައިދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
ދަރަނި ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހަދައިނުދީފިނަމަ ކުރިއަރަމުން އަންނަ ޤައުމުތަކަށް ދަރަނީގެ ބޮޑެތި މައްސަލަތައް ނިކުންނާނެ ކަމަށާއި، ބައެއް ގައުމުތަކުން މިހާރުވެސް މާލީ މައްސަލަތަކާ ކުރިމަތިލާފައިވާ ކަމަށް މަލްޕާސް ވިދާޅުވިއެވެ.
މީގެ ދެ ހަފްތާ ކުރިން، އދ. ގެ ޢާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ "ކޮވިޑް-19 ގެ އަސަރު އެކި ގައުމުތަކަށް އެކި މިންވަރަށް ކުރުމާއި ޓެކްނޮލޮޖީގެ ރޮނގުން ޤައުމުތަކުގެ މެދުގައިވާ ފަރަގު، ދަތުރުފަތުރު ހުއްޓުމަކަށް އައުމުން އިގްތިސާދަށް ލިބުނު ގެއްލުންތަކަކީ، ދުނިޔޭގެ ނާރެހުން ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް، މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ ހަގީގަތްކަމަށާއި، ނަމަވެސް، މިއީ ހުރިހާ ގައުމަކަށް އެއްވަރަކަށް ލިބުނު ގެއްލުންތަކެކޭ ދެންނެވޭކަށް ނެތް" ކަމަށެވެ.
ޖީ-20 ޤައުމުތަކަށް ކުރިއަރަމުން އަންނަ އިގްތިސާދުތަކުން ދައްކަން ޖެހޭ ދަރަނި ނެގުމަށް ލުއި ދިނުމަށް އެ ގައުމުތަކުން ނިންމި ނިންމުމަށް ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހާ ހުރި ހަމައެކަނި ފަރަގަކީ ތާރީހުކަމަށާއި، އިގްތިސާދީ ހާލަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެންކަމުން ލޯނުތަކާ ދަރަނި ދެއްކުން އަންނަ އަހަރުގެ ނިޔަލަށް ފަސްކޮށްދެވުމަށް ޝާހިދު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ގޮވާލެއްވިއެވެ.