ބާ ކައުންސިލްގެ މަސައްކަތްތައް އުންމީދުކުރިވަރަށް ކުރިއަށް ނުދާ ކަމަށް ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ވަކީލުންނަކީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރެގިއުލޭޓްކުރެވި، ވަކީލުންނާއި ގުޅޭ އެންމެހާ ވަކީލުން، އިންތިޚާބުކުރާ ބާ ކައުންސިލަކުން ކުރުމަށް ބާ ކައުންސިލެއް އުފައްދާ މަސައްކަތްކުރުމަކީ އެމްޑީޕީން ވަކާލާތުކުރަމުންދިޔަ ކަމެކެވެ. އެކަމަށް ބޭނުންވާ ޤާނޫނީ ފަންނުގެ ޤާނޫނު ގެނެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފެދިގެންދިޔައީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ބާ ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސިރާޖު ވިދާޅުވީ އުންމީދު ކުރެވުނީ ބާ ކައުންސިލުން ރަނގަޅު ސްޕީޑެއްގައި ކަންތައްތައްކޮށް އަވަހަށް ކަންކަން ހަމަޖެހިގެންދާނެ ކަމަށް ކަމަށެވެ. އެހެން ނަމަވެސް ވަކީލުކަން ކިޔަވައިގެން ތިބި އެތައް ކުދިންނަކަށް ވަކީލު ކަމުގެ ހުވާ ނުކުރެވި އެތައް ދުވަސްތަކެއް ހޭދަކުރަންޖެހުނު ކަމަށެ އެވެ. ސިރާޖު ވިދާޅުވީ ބާ ކައުންސިލްގެ ހިންގުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ރަނގަޅުކޮށްގެން ނޫނީ އުންމީދުކުރި މިންވަރަށް ބާ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ފަހުން ޤާނޫނަށް ގެނެވުނު ބަދަލާއެކު އެކުދިންނަށް ހުވާކުރުމުގެ ކަންކަން ހަމަޖެހިގެން އެބަދޭ. މައިގަނޑުގޮތެއްގައި ވިސްނުމަކީ ސްޕްރީމްކޯޓުން އެކަންކުރީމާ މިނިވަންކަމާއެކު މަސައްކަތްތެއް ނުކުރެވޭ. ވަކީލުންގެ ކަންކަން ބަލަހައްޓަންވަނީ ވަކީލުން އައްޔަނުކުރާ ބަޔެކޭ، ދުނިޔެގޭ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ ގޮތަށޭ. އެހެންނަމަވެސް ފަހަރުގައި ވެދާނެ ފުރަަމަ ބާ ކައުންސިލްވީމާ އޭރުގައި އުންމީދު ކުރިވަރަށް ހިނގަމުންނުދަނީ ކަަމަށް. ގައިމުވެސް އަޅުގަނޑެއް ހިތްހަމައެއް ނުޖެހޭ ބާ ކައުންސިލްގެ މަސައްކަތްތާއި ސްޕީޑާމެދުއެއް.ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު
ބާ ކައުންސިލް އައުމުން ކުރިއަށްވުރެ ބޮޑަށް ވަކީލުން މިނިވަންވެ ވަކީލުން ހިތްހަމަނުޖެހޭ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ލިބިގެން ގޮސްފިކަމަށް ސިރާޖު ވިދާޅުވިއެވެ. އެހެންނަަމަވެސް އިދާރީ ގޮތުން ބާ ކައުންސިލްގެ ލަސްތަކެއް އުޅުމާއެކު ވަކީލުން ހުވާކުރުމާއި ބާ އެގްޒާމް ހެދުމާއި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ލަސްތަކެއް އައި ކަމަށް ސިރާޖު ވިދާޅުވިއެވެ. އެކަމަށް ކުރިމަތިވި ގޮންޖެހުންތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހެއް ފާސްކޮށްފައެވެ.
ސިރާޖު ވިދާޅުވީ ޤާނޫނަށް ބަދަލުތަކެއް ގެނައި ނަމަވެސް ބާ ކައުންސިލްގެ މަސައްކަތްތައް ރަނޅަށް ދާނީ ކުރިއަށް އޮތްތަނުގައި ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.