ސައުދީ އަރަބިއްޔާއާއި ޕާކިސްތާންގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް ދެ ގައުމުން އެކުގައި ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަދި ޕާކިސްތާންގެ ފޮރިން މިނިސްޓަރު ޝާހް މަހުމޫދު ގުރައިޝީއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދެބޭފުޅުން ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، ދެގައުމުން މަޝްވަރާކޮށްގެން ދިމާވާ މައްސަލަތައް ހައްލު ކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވަނީ ޕާކިސްތާނަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އަދި ދެ ގައުމަށް ދިމާވާ މައްސަލަތަކުގައި ހުންނަ އެއްގޮތް ކަންތައްތައް ދެނެގަނެ ހައްލު ކުރުމަށް ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލު ކުރެވިގެން ދިއުމަކީ މައްސަލަތައް ހައްލު ކުރުމަށް ލިބޭ ބާރެއް ކަމަށެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ސައުދީއާ ކުރީއްސުރެ ވަރަށް ވަރުގަދަ ގުޅުމެއް ގާއިމް ކުރެވިފައިވާ ކަމަށާއި، އެ ގުޅުން މިއަދާ ހަމައަށް ހަރުދަނާކަންމަތީ ދެމިއޮތުމުން އުފާކުރާ ކަމަށެވެ. އަދި ދެ ގައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ލިބޭ ކާމިޔާބީތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.