އިންޑިއާގެ ޓީވީ ޗެނަލް ރޭޓްސް އަށް މަކަރު ހެދި ދެ ޗެނަލެއްގެ އިސްވެރިން މުމްބާއީ ފުލުހުން ހައްޔަރު ކޮށްފިއެވެ.
މުމްބާއީ ފުލުހުން ބުނީ ހައްޔަރު ކޮށްފައިވާ ދެ ޗެނަލުގެ އިސްވެރިންނަކީ ޓެލެވިޝަން ރޭޓިންގ ޕޮއިންޓްސް އަށް އޮޅުވާލި ދެ ޗެނަލުގެ ވެރިން ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މުމްބާއީ ފުލުހުން ހައްޔަރު ކޮށްފައިވަނީ ފެކްޓް މަރަތީ ޗެނަލާއި ބޮސް ސިނަމާ ޗެނަލްގެ ވެރިންނެވެ. މީގެ އިތުރުން ރިޕަބްލިކް ޓީވީގެ އިސްވެރިޔާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހައްޔަރު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ ޓީވީ ޗެނަލްތަކުން ރޭޓިންގ އަށް މަކަރު ހެދުމަކީ އާންމު ކަމެކެވެ. ނަމަވެސް ޓީވީ ރޭޓިންގ އަށް މަކަރު ހަދައިގެން ޗެނަލުގެ ވެރިން ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން މުމްބާއީ ފުލުހުން ޓީވީ ޗެނަލުގެ އިސްވެރިން ހައްޔަރު މިކުރީ ކޮރަޕްޝަނާއި ދެކޮޅަށް ފުލުހުން ފަށާފައިވާ ކެމްޕެއިނުގެ ދަށުންނެވެ. މުމްބާއީ ފުލުހުންގެ ކޮމިޝަނަރ ވިދާޅުވީ ކޮރަޕްޝަން ހިންގުން އިންޑިއާގައި އާންމުވެފައިވާ ކަމަށާއި، އެކަން ހުއްޓުވަން ފުލުހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.