ސްރީލަންކާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުގެ ސަރުކާރުގެ މައި އޮފީސްތައް ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކޮށް ކާފިއު އިތުރު ކޮށްފިއެވެ.
ލަންކާގެ ފޮރިންގ މިނިސްޓްރީން ވަނީ ކޮންސިއުލަރ އެފެއަރޒް އޮފީހުން ދެމުންގެންދާ، އާންމުންނާއި ގުޅުންހުރި ޚިދުމަތްތައް ދިނުން ހަފްތާއަކަށް މެދުކަނޑާލާފައެވެ.
އަދި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު އިތުރުކޮށް، ކާފިއު ހިންގާފައިވާ އިދާރާތަކުން ހަމައެކަނި ބަލައިގަންނާނީ ބޭރު ގައުމުތަކުގައި ތިބި ލަންކާ މީހުންގެ ތެރެއިން މަރުވާ މީހުންނާއި ބެހޭ ކަންކަން އެކަނި ކަމަށާއި އަދި އެއީ އެޕޮއިންޓްމަންޓް މެދުވެރިކޮށް ކަމަށެވެ.
އެހެން ޑިޕާޓްމަންޓުތަކުން ދޭ ޚިދުމަތްތައް ކަމަށްވާ އިމިގްރޭޝަނުންދޭ ޚިދުމަތްތަކާއި، ޕެންޝަން އޮފީހުންދޭ ޚިދުމަތްތަކާާއި، އުޅަނދުތަކަށް ލައިސެންސް ދޫކުރުމާއި އަދި ރަޖިސްޓްރީ ކުރުންވެސް ވަނީ ހަފްތާއަކަށް މެދު ކަނޑާލާފައެވެ.
ލަންކާގައި ކޮވިޑްގެ ބޮޑު ކްލަސްޓަރ އެއް ފެނިފައި މިވަނީ ވެރިރަށް ކޮލަމްބޯ އާއި ގާތްގަނޑާކަށް 50 އަކަށް ކިލޯ މީޓަރު ދުރުގައި އޮނަން މިނިވަންގޮޑާގައި ހުންނަ ގާމެންޓް ފެކްޓްރީއެއްގައި މަސައްކަތް ކުރާ އަންހެނަކު ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
މިނިވަންގޮޑާ ގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ކެފެޓީރިއާގެ ވެރިޔާ ވައިރަސް އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ޕޮލިސް ސްޓޭޝަން ވެސް ވަނީ ބަންދުކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާނު އަޖިތް ރޮހާނާ ވިދާޅުވެފައިވަނީ ސިއްޚީ މަސައްކަތްތެރިން ޕޮލިސް ސްޓޭޝަން ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި 85 އޮފިސަރުން ތިބީ ކަރަންޓީންގައި ކަމަށެވެ.
އަދި ކައިރި ސްޓޭޝަންތަކުގައި މަސައްކަތް ކުރާ އޮފިސަރުންތަކެއް ސްޓޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ލަންކާއިން އަލުން ކޮވިޑް ފެނުމާ ގުޅިގެން އެގައުމުގެ ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ޓިއުޝަން ކްލާސްތަކުގެ ކިޔެވުން މިދިޔަ އާދިއްތަ ދުވަހުން ވަނީ މެދުކަނޑާލާފައި އެވެ.
މީގެ އިތުރުން މިހާރު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް އާންމު އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. އެގޭ ތެރޭގައި ފެސްޓިވަލްތަކާއި ކޮންފަރެންސްތަކާއި މިއުޒިކް ކޮންސެޓްތައް ވެސް ހިމެެނެ އެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓްވެސް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.
ލަންކާގައި ކޮމިއުނިޓީ ސްޕްރެޑެއް އުފެދިފައި މިވަނީ އެގަމުން ކޮވިޑް ކޮންޓްރޯލް ކުރެވުނުތާ ދެމަހެއްހާ ދުވަސް ފަހުންނެވެ.
މިނިވަންގޮޑާ ކްލަސްޓާއާ ގުޅުން ހުރި 1044 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި 2000 އަށް ވުރެ ގިނަ މީހުން ވަނީ ހޯމް ކަރަންޓީގައެވެ.
ލަންކާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 4459 މީހުންނެވެ. 3278 މީހަކު މިހާތަނަށް ބަލިން ފަސޭހަވެފައިވާއިރު ކޮވިޑް ޖެހިގެން އެގައުމުން މަރުވި މީހުންގެ އަދަދަކީ 13 އެެވެ.