ސްރީލަންކާގެ ފޮރިން ރިޒާވާއި ފުޅާ ކުރުމަށް މަޝްވަރާ ކުރުމަށް ޗައިނާގެ ޑެލިގޭޓުން ލަންކާ އަށް ދަތުރު ކުރައްވައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ޑެލިގޭޝަންގައި އެންމެ އިސްކޮށް ހުންނެވީ ކޮމިއުނިސްޓު ޕާޓީގެ ފަރާތުން ޔަންގް ޖިއާޗީ އެވެ.
ޔަންގް ޖިއާޗީގެ މި ދަތުރުފުޅަކީ ޗައިނާގެ އިސް އޮފިޝަލަކު ސައުތް އޭޝިއާގެ ގައުމަކަށް ކޮވިޑް-19 ގެ ޕެންޑަމިކަށްފަހު ދަތުރު ކުރާ ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަންގްގެ ދަތުރުފުޅުގައި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ އިތުރުން ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސާ އާއި ބައްދަލުކުރައްވާނެ އެވެ.
ޔަންގްގެ މި ދަތުރުފުޅުގައި ލަންކާ އާއި ޗައިނާއާއި ދެމެދު 1.2 ބިލިއަން ޑޮލަރުގެ ލޯނު އެހީގައި ސޮއި ކުރެވިގެންދާނެއެވެ.
ސްރީލަންކާގެ އޮފިޝަލަކު ވިދާޅުވީ ޔަންގްގެ މި ދަތުރުފުޅުގެ ސަބަބުން ގައުމުގެ އިގްތިސާދު ދަށްވެފައިވާ ހާލަތުން އަރައިގަތުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި ލަންކާ އާއި ޗައިނާ ސަރުކާރާއި ދެމެދު އެއްބަސްވެވޭ ލޯނު އެއްބަސްވުމުގެ ސަބަބުން ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ދިމާވި ދަތިތަކުން ސަލާމަތްވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.