ޤައިދީން އަނބުރާ ނިކުންނައިރު މުޖުތަމައު ބަލައިގަންނަ، މަސައްކަތަށް އަހުލުވެރި، އަދި މަސައްކަތަށް ޝައުޤުވެރި ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ޤައިދީން އަނބުރާ މުޖުތަމައު އަށް ނެރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސްޓެލްކޯއާއެކު "ފަހި ފުރުޞަތު" އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހުއެވެ.
މިނިސްޓަރ ވިދާޅުވީ މުޖުތަމައު އަކީ އުފާފާގަތި ޞުލުހަވެރި މުޖުތަމައަކަށް ވަނީ އެ މުޖަތަމައެއްގެ ދުޅަހެޔޮކަމާއި ބަދަހިކަން އަދި އިޤްތިޞާދީ ފުދުންތެރިކަމުގެ މައްޗަށް ކަމަށެވެ.
ކުށުގެ ވެއްޓަށް ހުށަހެޅިގެންދާ ފަރާތްތަކުގެ ސަބަބުން މުޅި މުޖުތަމައުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ވަރަށް ނުރަނގަޅު އަސަރެއް ކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ގިނަ ފަހަރަށް އެފަރާތްތައް ކުށަށް އަރައި ގަތުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އިޤްޠިޞާދީ ގޮތުން ކުރިމަތިލާން ޖެހޭ ނިކަމެތިކަމާއި، އަދި އިޖުތިމާއީ ގޮތުން ކުރިމަތިވެގެންދާ ބަލިމަޑުކަން ހިމެނޭ ކަމަށެވެ.
އެހެންކަމުން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރޭއިރު އެމީހުންނަކީ މުޖުތަމައު އަށް އަހުލުވެރިވެފައިވާ މަސައްކަތްތެރި، ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުގެ އިސްނެގުމާއެކު ކަރެކްޝަނުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯއާއެކު ފެއްޓެވި މަސައްކަތަކީ ކުރިއަށް ރޭވިފައި ހުރި ގިނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓެލްކޯއާއެކު ފަށައިގަނެވުނު މަސައްކަތުގެ ދަށުން ޤައިދީންގެ ގޮތުގައި ތިބޭ ފަރާތްތައް ސްޓެލްކޯއާއެކު ނިކުމެ މަސައްކަތްކޮށް، އެއްކޮށް މިނިވަންވެގެން ދާއިރުގަ ބައެއް މަސައްކަތްތައް ދަސްކުރެވި، އަދި ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ މުއްދަތުގައި ވެސް އޭނާއަށް ލިބިގެންދާ އާމްދަނީ ފަހަށް ރައްކާ ކުރެވި އޭނާއާއި އޭނާގެ އާއިލާގެ ދުޅަހެޔޮ ކަމަށް ހެޔޮ އަސަރު ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ވަރަށް ގިނަ ފަހަރަށް ދިމާވާކަމެއް ޤައިދީން އަނބުރާ މުޖުތަމައަށް ނިކުންނައިރު ދިރިއުޅޭނެ މަގެއް، ބޯހިޔާވަހިކަމުގެ މަގެއް ތަނަވަސްވެފައި ނެތުމުން ދެވަނަ ފަހަރަށް ޖަލުގެ ތެރެއަށް އެނބުރި ދިއުމަށް ފަގުފަހިކޮށްދިއުން. މިޕްރޮގްރާމް ރަނގަޅަށް ހިންގިއްޖެކަމަށް ވާނަމަ އަޅުގަނޑު ޤަބޫލުކުރަނީ މިކޮށާދެވޭ މަގަކީ ދިރިއުޅުން ބައްޓަން ކުރުމަށް ކޮއްދެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް.އަދި ދަސްކުރެވޭ މަސައްކަތުގެ ސަބަބުން އިތުރަށް ކުރިއަށް ދިއުމަށް އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވެގެންދާނެ.މިނިސްޓަރ ޢިމްރާން ޢަބްދުﷲ
ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުން ވެސް މި ފުރުޞަތުތައް މިގޮތަށް ފަހިކޮށްދީ ޤައިދީން ރިހިބިލިޓޭޓްކޮށް މަސައްކަތަށް ނެރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި މި މަސައްކަތް ފަށައިގަތުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، މެނޭޖްމަންޓް އަދި މުވައްޒަފުންގެ އިސްނެންގެވުން ފާހަގަކުރެއްވިއެވެ.
ސްޓެލްކޯއާ ހޯމް މިނިސްޓްރީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން އަނބުރާ މުޖުތަމައުއަށް ނިކުންނަ ޤައިދީންނަށް ފަހި ފުރުޞަތުތައް ލިބޭނެއެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ އެދިވަޑައިގަތުމަކީ ވެސް، އުއްމީދަކީ ވެސް އަދި މަސައްކަތްކުރައްވަނީ ވެސް ކޮންމެ ޤައިދީއަކު އަނބުރާ މުޖުތަމައު އަށް ނިކުންނައިރު ހަޔާތުގައި ދިރިއުޅުމަށް ކޮންމެވެސް މަަސައްކަތެއް އިހުތިޔާރު ކޮށްގެން ނިކުންނަ މީހަކަށް ހެދުމަށް ކަމަށެވެ.
ސޮއި ކުރެވުނު އެއްބަސްވުމަކީ އެއް އަހަރުގެ މުއްދަތައް ސޮއި ކުރެވުނު އެއްބަސްވުމެކެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބި ސްޓެލްކޯ އިން ވަޒީފާ ހަމަޖެހޭ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ސްޓެލްކޯ އިން ހިދުމަތްދޭ 35 ރަށުގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.