އަންނަ ހަފްތާގައި ވަރޗުއަލްކޮށް ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ.
ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމާއެކު ސިއްހީ ގޮތުން ރައްކާތެރިކަމަށްޓަކައި ބަހުސް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ ބަހުސް ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. ބަހުސްގެ ފޯރމެޓް ބަދަލުވެފައިވާކަން ކޮމިޝަން އޮފް ޕްރެޒިޑެންޓިއަލް ޑިބޭޓުން ވަނީ ބުރާސްފަތި ދުވަހު އިއުލާންކޮށްފައެވެ. އެއާއެކު މިހާރުވެސް ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ޓްރަމްޕް ވިދާޅުވެފައިވަނީ އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޓްރަމްޕް ފޮކްސް ނިއުސް އަށް ފޯނުން ދެއްވި އިންޓަރވިއުއްގައި ވިދާޅުވީ ވަރޗުއަލްކޮށް ކުރިޔަށް ގެންދާ ބަހުސްގައި ވަގުތުތައް ބޭކާރު ކޮށްނުލެއްވޭނެ ކަމަށެވެ.
ޑިބޭޓް ކޮމިޝަނުން ބުނާ ގޮތުގައި ބަހުސްގެ ދެ ވަނަ ބުރު އޮންނާނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ބަހުސް އޮންނާނީ ކުރިން ވެސް ރާވާފައިވާ ގޮތަށް ޓައުން ހޯލްގައި ކަމަށާއި ނަމަވެސް ބަހުސްގެ ދެ ކެންޑިޑޭޓުން ބަހުސްގައި ބައިވެރިވާނީ ވަރޗުއަލްކޮށް ކަމަށެވެ. ޓައުން ހޯލްއަށް ބަހުސް މޮޑަރޭޓް ކުރާ މީހުންގެ އިތުރުން ބަހުސް އަޑުއަހަން އަންނަ މީހުންނަށް ވަދެވޭނެ އެވެ.
ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް ކެންޑިޑޭޓްގެ ގޮތުގައި ބައިވެރިވަޑައިގަންނަވާ ޖޯވ ބައިޑަންގެ ކެމްޕެއިން ޓީމުން ވަނީ ބަހުސްގައި ބައިޑަން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ރައްޔިތުންނާ ބައްދަލުކޮށް އެމެރިކާގެ ކުރިމަގަށް އެކުލަވާލާފައިވާ ޕްލޭންތަކާއި ޓްރަމްޕްގެ ސިޔާސަތުގެ ދަށުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފެއިލެވްފެއިވާތީ އެކަން ބަދަލު ކުރުމަށް ގެންގުޅޭނެ ސިޔާސަތުތަކާއި ގުޅޭގޮތުން ބައިޑަން ވާހަކަ ދައްކަވާނެ ކަމަށް ކެމްޕެއިން ޓީމުން ބުނެއެވެ.
ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރ އަދި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބިލް ސްޓިޕިން ވިިދާޅުވީ ވަރޗުއަލްކޮށް ބަހުސް ކުރިޔަށް ގެންދިޔުމަކީ ބައިޑަން ބަހުސްގައި ބައިވެރިވެޑައިނުގަތުމަށް ދެެއްކި ބަހަނާ އެއް ކަމަށް ވިދާޅުވެފައެވެ. އަދި ޓްރަމްޕް ބަހުސްގައި ބައިވެރިވެ ވަޑައިގަތުމުގެ ބަދަލުގައި ބާއްވާނީ ރެލީއެއް ކަަމަށް ސްޓިޕިން ވިދާޅުވިއެވެ.
ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބަހުސްގެ ފުރަތަމަ މަރުހަލާ ނިމުނު ފަހުންނެވެ. ޓްރަމްޕް ކޮވިޑް-19 އަށް ޕޮޮޒިޓިވްވުމާއެކު ޓްރަމްޕާ ކޮންމެ ދުވަހަކު މަސައްކަތުގެ ގޮތުގެ ބައްދަލުވާ އެތައް ބަޔަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ވައިޓްހައުސްގެ ސްޓާފުންނާއި ޓްރަމްޕްގެ ކެމްޕެއިންގައި އުޅޭ މީހުންނާއި ބަހުސަށް ތައްޔާރުވުމުގައި އެހީތެރިވެދިން މީހުން ވެސް ހިމެނެއެވެ.
ޓްރަމްޕް ކޮވިޑް-19 އަށް ޕޮޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ހަމަ އެދުވަހު ބައިޑަން ވެސް ވަނީ ވައިރަސްއަށް ޓެސްޓް ކޮށްފައެވެ. ނަމަވެސް ބައިޑަން ވަނީ ވައިރަސް އަށް ނެގެޓިވްވެފައެވެ. އޭގެފަހުން ވެސް އެތައް ފަހަރަކު ބައިޑަން ވަނީ ވައިރަސް އަށް ޓެސްޓް ކޮށްފައި ކަމަށް ބައިޑަންގެ ކެމްޕެއިން ޓީމުން ބުނެއެވެ.
ޓްރަމްޕް އާއި ޓްރަމްޕްގެ ކެމްޕެއިން ޓީމުން ތަކުރާރުކޮށް އަންނަނީ ކޮވިޑް-19 ގެ ސިއްހީ ގައިޑްލައިންތަކާއި ޚިލާފުވަމުންނެވެ. ޓްރަމްޕް ގިނައިން ކެމްޕެއިން ކުރައްވާފައިވަނީ މާސްކު ނާޅުއްވައެވެ. އަދި ރެލީތަކުގައި ބައިވެރިވާ ގިނަ މީހުންނަކީ ވެސް މާސްކު ނާޅާ ތިބޭ މީހުންނެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ގިނަ އަދަދެއްގެ މީހުންނަށް ޖެހި އެ ބަލީގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަމުން އަންނަ ގައުމަކީ އެމެރިކާއެވެ. އެމެރިކާގައި ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ބައެއް ސްޓޭޓްތަކުގައި އަނެއްކާ ވެސް އަންނަނީ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހެމުންނެވެ. އަދި ފިނި މޫސުމާއި ދިމާކޮށް ވައިރަސް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ޓްރަމްޕް ކޮވިޑަށް ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އެނބުރި ވައިޓް ހައުސްއަށް ވަޑައިގެން ވަނީ މާސްކު ނަންގަވާފައެވެ. އަދި ކޮވިޑް-19 ދެކެ ބިރު ނުގަނެ ގެެއިން ނިކުތުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.