ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޖެސިންޑާ އާޑެން އާއި އޭނާގެ ލޭބަރ ޕާޓީއިން ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގެ ކުރިން ނެގި ޕޯލް ވޯޓް ތަކުން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސެޕްޓެމްބަރު 28 ވަނަ ދުވަހު ނެގި ޕޯލްތަކުން ދައްކާ ގޮތުގައި ޖެސިންޑާގެ ޕާޓީއަށް ވޯޓުގެ 48 އިންސައްތަ ވަނީ ލިބިފައެވެ. އަދި އޭނާގެ ޕާޓީއަށް މިހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ ސިއްރަކީ ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގައި އެޅި ފިޔަވަޅުތައް ހަރުދަނާވުމުގެ ސަބަބުންނެވެ.
މި ޕޯލްއިން ދައްކާ ގޮތުން ޖެސިންޑާގެ ލޭބާ ޕާޓީން ވޯޓުގެ 48 އިންސައްތަ ކާމިޔާބު ކޮށްފައިވާއިރު ލޭބާ ޕާޓީގެ ކޯލިޝަން ޕާޓްނާރ ކަމަށްވާ ގްރީން ޕާޓީއިން ވަނީ ވޯޓުގެ 6 އިންސައްތަ ކާމިޔާބު ކޮށްފައެވެ.
ސަރުކާރާއި އިދިކޮޅު ނެޝަނަލް ޕާޓީއަށް ވޯޓުގެ 32 އިންސައްތަ ލިބިފައިވާއިރު އެހެނިހެން ޕާޓީތަކަށް ލިބިފައިވަނީ 20 އިންސައްތަ ވޯޓެވެ.
ނިއުޒިލޭންޑްގެ މަޖިލީސް އިންތިހާބު ކުރިޔަށްދާނީ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހެވެ.