ރާއްޖެއިން އެކި ގައުމުތަކުން ނަގާފައިވާ ލޯނުތައް ލުއި ކޮށްދިނުމަށް ކުރެވެމުންދާ މަޝްވަރާތައް ކުރިއަށް ދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު ސުވާލުކުރެއްވީ ދިވެހިރާއްޖެއިން އެއް ގައުމަކުން އެންމެ ގިނަ ލޯނު ނަގާފައިވަނި 2013 ވަނަ އަހަރު ޗައިނާއިން ކަން ފާހަގަކުރައްވާ މެމްބަރު ވަނީ ލޯނު ސްޓްރަކްޗަރ ބަދަލުކުރުމަށް މަޝްވަރާކުރެވިފައިވޭތޯއެވެ.
މެމްބަރުގެ ސުވާލަށް މިނިސްޓަރ ދެއްވި ޖަވާބުގައި ވަނީ ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ރާއްޖެއަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ޖީ-20 ގައުމުތަކުގެ ޑެޓް ސަސްޕެންޝަން އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވެގެން މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ގައުމީ އުފެއްދުންތެރިކަން ދަށަށް ދިއުމާއި އެކު ރާއްޖޭގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑަކަށް ގެންދިއުމަށްޓަކައި ލޯނު ދޫކޮށްފައިވާ ފަރާތްތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މިހާރުގެ ޑެޓް ސަސްޓެއިނެބްލް ލެވެލްއަކަށް، އަޅުގަނޑުމެންގެ ޖީޑީޕީގެ، ގައުމީ އުފެއްދުންތެރިކަން ދަށަށް ދިއުމާއި އެކު ސަސްޓެއިނެބްލް ލެވެލްއަކަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން ހުރިހާ ކްރެޑިޓަރސްއާއި އެކު ވެސް އެންގޭޖްވަމުން މިދަނީ. އޭގެ މަސައްކަތްކުރިއަށް އެބަދޭ.ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
އޭގެ އިތުރުން، އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން ކުޑަ އަގުތަކަށް ކުރެވޭ މަސައްކަތްތައް ބޮޑު އަގުގައި ކުރުމަށްޓަކައި ލޯނު ނަގާފައި ހުރުމުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ސްޓޮކް ބޮޑުވެގެންދާ ކަމަށެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ކުރީގައި ޗައިނާއިންވެސް، އަދި އެހެނިހެން ގައުމުތަކުގައިވެސް ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނުތަކަކީ ހަމަ ކޮންސެޝަނަލް ލޯނުތަކެއް. އެކަމަކު މީގަ ފާހަގަވާ ކަމަކީ ކުރީގެ ސަރުކާރުން 100 ރުފިޔާއަށް ކުރެވޭ ކަމެއް 200 ރުފިޔާއަށް ކުރަން ވެގެން އެގޮތަށް ލޯނު ނަގާފައި ހުރީމަ ޓޯޓަލް ޑެޓް ސްޓޮކް ބޮޑުވެ، އަޅުގަނޑުމެން ޑެޓް ސަރވިސް ބޮޑުވެގެން މިދަނީ.ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު ފަސްކޮށްދޭން ޗައިނާއިން ވަނީ ނިންމާފައެވެ. އަދި ޖީ-20 ގައުމުތަކުން ކުދި އަދި ކުރިއަރަމުން އަންނަ އިގްތިސާދުތަކުން އެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުން މި އަހަރުގެ ނިޔަލަށް މަޑުޖައްސާލަން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.