2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުންނަނީ ވަކިންތޯ ނުވަތަ ކޯލިޝަންގެ ގޮތުގައިތޯ ވަރަށް އަވަހަށް ނިންމަން ޖެހޭ ކަމަށް، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް އެހެން ވިދާޅުވީ، އެމްޑީޕީން ނެރޭ 'ޚަބަރު ސިޓީ'' ގެ މި މަހުގެ އަދަދުގައި ލިޔުއްވާފައިވާ ލިޔުމެއްގައެވެ.
އާޒިމް ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ މަލަމަތި މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީން ވާދަކުރާނެ ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުންނަނީ ވަކިންތޯ ނޫންނަމަ ކޯލިޝަނަކާ އެކީގައިތޯ މިއީ ވަރަށް އަވަހަށް ނިންމަން ޖެހިފައިވާ ނިންމުމެއްއަލީ އާޒިމް - އެމްޑީޕީގެ ޕީޖީ ލީޑަރު
މި ސަރުކާރަކީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނަކަށްވިޔަސް، ރައްޔިތުން ދެކެނީ މިއީ އެމްޑީޕީގެ ސަރުކާރެެއް ކަމަށާއި، އޭގެ ހެއްކަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ޢައުލަބިއްޔަތުކަން އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވި، ގޮތުގައި ސަރުކާރުން ގޯހެއް ހަދާ ކޮންމެ ފަހަރަކު އަބަދުވެސް ބަދުނާމު އަޅުވަނީ އެމްޑީޕީގެ ބޮލުގައި ކަމަށެވެ.
ސަރުކާރު ތެރޭގައި ހިމެނޭ އެހެން ޕާޓީތަކުގެ މިނިސްޓަރުންގެ ނަން ގެންނަވައި އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލަސްތައް އުޅެނީ ސަރުކާރުގައި ތިބި އެމްޑީޕީގެ ފަރާތްތައް ނޫން އެހެން ފަރާތްތަކުން 2023 ވަނަ އަހަރުގެ އިންތިހާބަށް ތައްޔާރުވަމުންދާތީ ކަމަށެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލަސްތަކެއް އުޅޭ ވާހަކަ މިއީ މިހާރު އަބަދު އިވޭ ވާހަކައެއް. ސަބަބު ވަރަށްވެސް ސާފެވެ. މި ދެންނެވި ވަޒީރުންގެ އިތުރުންވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައިޔާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އާއި ސަރުކާރު ކުންފުނިތަކުންވެސް އެމްޑީޕީ ނޫން އެހެން ފަރާތްތައް މަސައްކަތްކުރަމުން ދަނީ އެ ފަރާތްތައް ނިސްބަށްވާ ޕާޓީތައް ވަރުގަދަކޮށް ތަފާތު އިންތިޒާމްތައް ހަމަޖައްސާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތައްޔާރުވުމަށްއަލީ އާޒިމް - ހުޅުހެންވޭރު ދާއިރާގެ މެމްބަރު
އާޒިމް ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ޕާޓީގެ ފިކުރުގެ މީހުންނަށް ވަޒީފާތައް ދިނުމާއި ޕްރޮޖެކްޓްތައް ހަވާލު ކުރަމުންދާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރަނީ ވަކިންތޯ ނުވަތަ ނޫންތޯ ނިންމަން ޖެހޭ ކަމަށް އާޒިމް ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާނެ ގޮތަކާއި މެދު އަދި މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައެއް ނުވެއެވެ.