ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ޖަލްސާގައި އިންކަމް ސަޕޯޓް އެލެވަންސް ދޭނެ މުއްދަތު އިތުރުކުރާނެތޯ ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ޑިސެމްބަރ މަހާ ހަމައަށް އިތުރު ކުރުމަށް ނިންމާފައިވާ ކަަމަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ޑިސެމްބަރާއި ހަމައަށް އެކްސްޓޭންޑްކޮށް ކުރިޔަށް ގެންދެން މިހާރު ނިންމާފައިވާނީ. އަދި އެކްސްޓެންޑް ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރަމުންވެސް ވާނެ.ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔެއްގެ ވަޒީފާ ގެއްލިފައިވާއިރު އެތައް ބަޔެއްގެ އާމްދަނީ އަށް ވަނީ އަސަރު ކޮށްފައެވެ. އެހެންކަމުން ކޮވިޑް-19 ރިލީފް ޕެކޭޖްގެ ދަށުން އިންކަމް ސަޕޯޓްގެ ގޮތުގައި 5000 ރުފިޔާއާ ހަމައަށް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ ކުރިން އިންކަމް ސަޕޯޓް އެލަވަންސް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި ޖޫން މަހާ ހަމައަށް ފައިސާ ދޫކުރިއިރު، ދެވަނަ ފިޔަވަހީގައި ފައިސާ ދޫކޮށްފައިވަނީ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 96.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.