އެމަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށާއި އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޗައިނާ އާއި ރާއްޖެއާ މެދު ފްރީ ޓްރޭޑް އެގްރިމެންޓެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް އެމަނިކުފާނު ވިދާޅުވާ ސަބަބުވެސް ވަނީ ސާފުކޮށްދެއްވާފައެވެ. އެމޭރުމުން ނަޝީދު ވާހަކަދެއްކެވުމުން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރ މުހައްމަދު ސައީދު ވަނީ ނިޒާމީ މައްސަލަ ނަންގަވާ އެމަނިކުފާނު އެހެން ވިދާޅުވަނީ އެއީ ސަރުކާރުގެ ނިންމެވުންތޯ ނުވަތަ މަޖިލީހުގެ ރައީސްގެ ނިންމެވުންތޯ އައްސަވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މެމްބަރަށް ވެސް ޤާނޫނު އަސާސީ ސާފުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި އެމަނިކުފާނާއި ސަރުކާރާއި ގުޅުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑަކީ މިރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑަކާއި ސަރުކާރަކާއި ގުޅުމެއް ނެތްކަން އަޅުގަނޑާއި ދިވެހި ސަރުކާރާއި ގުޅުންވަނީ އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތް ކަމުގައިވާތީވެ އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ތާއީދުކުރާ ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެސަރުކާރުގެ ބައިވެރިއެއް ނޫން.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު މިފަހަކުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދު ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ސަރުކާރުގެ ކެބިނެޓްގައި ތިއްބަވާ އެމްޑީޕީގެ މިނިސްޓަރުންގެ މަސައްކަތްތަކާމެދު ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
އޭގެތެރެއިން އިކޮނިމިކް މިނިސްޓަރ ފައްޔާރު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ސޮއި ހަމަކުރެއްވުމަށް އެންމެ އިސްކޮށް އުޅުއްވާފައިވަނީ ވެސް ރައީސް ނަޝީދެވެ. އަދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުން އެ މަސައްކަތް ކުރެއްވުމުގެ މަސައްކަތް އެމަނިކުފާނު ވަނީ ކުރައްްވާފައެވެ. އަދި ފިނޭންސް މިނިސްޓަރުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިނުގެން ވަނީ ވާހަކަ ދައްކަވާފައެވެ.
މިހާރު ރައްޔިތުންގެ މަޖިލިސް ހިނގަމުންދަނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކު ކަމަށްވިޔަސް ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުން ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ސަރުކާރުގެ ތެރެއިން ވެސް ވަނީ ވާހަކަތައް ދެކެވިފައެވެ.