ކޮވިޑް-19 ކޮންޓްރޯލްކުރުމާއި ބަލި މީހުންނަށް ފަރުވާ ދިނުމަށާއި ބަލިމަޑުކަމުގެ ސަބަބުން އިޤްތިސާދީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވާން ދައުލަތުން ކުރި ޚަރަދު 2.3 ބިލިޔަން ރުފިޔާއަށް އަރަައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށް 1.2 ބިލިޔަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
މި އަދަދުން އެންމެ ބޮޑު އަދަދެއް ހަރަދު ކޮއްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އެ އޮތޯރިޓީން މިހާތަނަށް 778.1 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައި ވާ ކަމަށް މިއަދު ނެރުން ރިޕޯޓުން ދަށްކައެވެ. ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ ދެވަނަ ފަރާތަކީ ހެލްތު މިނިސްޓްރީންއެވެ. މިނިސްޓްރީ އޮފް ހެލްތުން 200.4 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައިވާ ކަމަށްވެއެވެ.
މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދީ ކަންކަކމަށް ކޮށްފައިވާ ހަރަދުގެ ޖުމްލަ އަދަދު 1.03 ބިލިއަނަށް އަރައިފައިވާ ކަމަށް މިރިޕޯޓުން ދައްކައެވެ. މި އަދަދުގެ ބޮޑުބައެއް ހަރަދުވެފައިވަނީ ރިކަވަރީ ލޯންއަށެވެ. ރިކަވަރީ ލޯންގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ އަދަދު 900 މިލިއަން ރުފިޔާއަށް އަރައެވެ.
އިންކަމް ސަޕޯޓަށް 101 މިލިޔަން ރުފިޔާހަރަދުކޮށްފައި ވާއިރު ކަރަންޓް ބިލުގެ ޑިސްކައުންޓް ދިނުމަށް ސަބްސިޑީގެ ގޮތުގައި 34 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅޭ ކަންތައްތައް ހަމަޖައްސަން ދައުލަތުން މިހާ ބޮޑު ހަރަދެއް ހިނގާ އިރު އެ ބަލިމަޑުކަމާ ހެދި ރާއްޖޭގެ އިގުުތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުގެ ހަރަދުތައް އިތުރުވެފައިވާއިރު، ގިނަ އަދަދެއްގެ އެހީ އަދި ލޯނު އެހީވެސް ސަރުކާރަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.