ދުނިޔޭގެ އާބާދީގެ ކޮންމެ ދިހަ މީހަކުން އެކަކަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯގެ ޓޮޕް އެމަރޖެންސީ އެކްސްޕަރޓް މައިކް ރިޔާން ވިދާޅުވީ ވައިރަސް ގެ ސަރޖެއް ދެކުނުއިރުމަތީ އޭޝިޔާ ގައުމުތަކަށް އައިސްފައިވާ ކަމަށެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކާއި މެޑިޓޭރިއަން ސަރަހައްދުގައި ވައިރަސް ޖެހޭ މީހުންނާއި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް މައިކް ވިދާޅުވިއެވެ.
މައިކް ވިދާޅުވީ މިހާރުގެ އަންދާޒާތަކަށް ބަލާއިރު ދުނިޔޭގެ އާބާދީގެ 10 އިންސައްތަ މީހުންނަށް ވާނީ ވައިރަސް ޖެހިފައެވެ. އެހެންނަމަވެސް އެކި ގައުމުތަކުގައި މިއަދަދު ތަފާތުވާނެ ކަމަށް މައިކް ވިދާޅުވިއެވެ. އަދި ކުރިއަރާފައިވާ ގައުުމުތަކާއި ހިސާބުތަކާއި އަދި ފަގީރު ހިސާބުތަކުގައި ވެސް މި އަދަދުތައް ތަފާތުވާނެ ކަމަށް މައިކް ވިދާޅުވިއެވެ. އެހެންނަމަވެސް މީގެ މާނައަކީ ދުނިޔޭގެ އާބާދީގެ ބޮޑު ބަޔެއް އޮތީ މި ވައިރަސްގެ ނުރައްކަލުގެ ތެރޭގައި ކަމަށް މައިކް ވިދާޅުވިއެވެ.
"އަހަރުމެން މިހާރު މިސްރާބު ޖަހާފައިމިވަނީ އުނދަގޫ ހިސާބަކަށް. ވައިރަސް އަދިވެސް އަންނަނީ ފެތުރެމުން" މައިކް ވިދާޅުވިއެވެ.
މައިކް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ބޯރޑްގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވެސް އެމެރިކާ އިން ވަނީ ވައިރަސް އާއި ގުޅޭގޮތުން ޗައިނާއިން އެންމެ ޞައްހަ މައުލޫމާތު އެންމެ ބޭނުންވި ވަގުތުގައި ނުދޭ ކަމަށް ބުނެފައެވެ. ނަމަވެސް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ޗައިނާއިން އަބަދުވެސް މިކަމުގައި ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދެމުން އަންނަކަމަށް ވެސް ޗައިނާ އިން ވަނީ ބުނެފައެވެ.
ޑަބްލިޔުއެޗްއޯގެ އިތުރުން ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާންގެ މާރުކޭޓަކުންނެވެ. އަދި ވައިރަސް އުފެދިފައިވާ ކަމަށް މާހިރުން ބޮޑަށް ބުރަވަނީ ޖަނަވާރަކުންނެވެ.
ޑަބްލިޔުއެޗްއޯ އިން ވަނީ ޗައިނާއިން އެންމެ ފުރަތަމަ ވައިރަސް ފެނުނު ސަރަހައްދުން ވައިރަސް ފެތުރުނު ގޮތާއި ވައިރަސް ފެތުރެން ދިމާވި ސަބަބުތައް ދެނެގަތުމަށް ތަހުގީގެއް ކުރިޔަށް ގެންދިޔުމުގައި ބައިވެރިވާނެ މާހިރުންގެ ލިސްޓެއް ބައްދަލުވުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް މައިކް ނުދެއްވައެވެ.
މި ތަހުގީގު ވީއެންމެ އަވަހަށް ކުރިޔަށް ގެންދިޔުމަށް ޖަރމަނުވިލާތުން ވަނީ އެދިފައެވެ. އަދި މާހިރުންގެ ޓީމުން ވީއެންމެ އަވަހަށް މަސައްކަތް ފެށުމަށް ޖަރމަނީން ވަނީ އެދިފައެވެ.