ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 17:08
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ސަން އޮންލައިން
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުން
އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރުކޮށްފި
 
މި އަހަރު ނިމެންދެން މި ގޮތަށް އަމަލުކުރަމުން ގެންދިއުމަށް ވަނީ ނިންމާފައި
 
ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއް

ބޭރުފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމަކަށްވާތީ، އަނެއްކާވެސް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަހަރު ނިމެންދެން މި ގޮތަށް އަމަލުކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މިގޮތަށް ނިންމީ ފަތުރުވެރިކަމުގެ ދާއިރާއަށް މިއައި ކުއްލި ހީނަރުކަމުގެ ސަބަބުން ގައުމަށް ވަންނަ ޑޮލަރު މަދުވުމުން ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެގޮތުން ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދަނީ ދޫކުރަމުން ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައި ކަމަށާއި އެހެންނަމަވެސް އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް ދަނީ ފެންނަމުން ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން 15 ޖުލައި 2020 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވުމާއި ގުޅިގެން ރާއްޖެއަށް ވަނީ އެމަހުގެ ނިޔަލަށް 1752 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ މަހުންމަހަށް އިތުރުވަމުންނެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބު ދައްކާ ގޮތުން ބޯޑަރުތައް ހުޅުވާލި ފަހުން، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 18،918 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އެވެރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވެސް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ހަ ދުވަހުއެވެ.

އެހެންނަމަވެސް މި ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މުއްދަތު ވަނީ 9 ދުވަހަށް އިތުރުވެފައެވެ. މީގެ އިތުރުން އިމާރާތްކުރުގެ ސިނާއަތްވެސް މަޑުމަޑުން ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް