އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން އަމިއްލަފުޅަށް ނިކުމެވަޑައިގެންފިއެވެ.
ޓްރަމްޕް ޓްވިޓަރ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ފަރާތުން ރަނގަޅު ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ. ވޯލްޓަރ ރީޑް ހޮސްޕިޓަލުގެ ތައުރީފު ކުރައްވާ ވިދާޅުވީ ހޮސްޕޮޓަލުގެ އެންމެހާ ސްޓާފުންނާއި ޑޮކްޓަރުން ކުރައްވާ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށެވެ.
ޓްރަމްޕްގެ ބަލި އަދި ފަސޭހަވެފައި ނުވާއިރު، ހޮސްޕިޓަލުން ނިކުންނެވުމުގެ ކުރިން ހިއްސާ ކުރެެއްވި ވީޑިއޯގައި ވިދާޅުވީ ހޮސްޕަޓަލުން ނުކުންނަވަން އުޅޭކަމަށާއި އަދި ނުކުމެ ވަޑައިގަންނަވާ އަސްކަރީ ސިފައިންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާމީހުންނާއި އަދި މަގުމަތީގައި ސަޕޯޓް ކުރަމުން ގެންދަވާ ޓްރަމްޕްގެ ސަޕޯޓަރުންނަށް ސަޕްރައިޒެއް ދޭން ދާނޭ ކަމަށެވެ.
އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ސީކްރެޓް ސާވިސްގެ ދެ މީހަކާ އެކު ހޮސްޕިޓަލުން ކާރުކޮޅެއްގައި ނިކުމެވަޑައިގެން، ހޮސްޕިޓަލު ބޭރުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ހަނައަޅާފައެވެ.
ކޮވިޑް-19 އިން ރަނގަޅު ނުވަނީސް ހޮސްޕިޓަލުން ނިކުމެ މީހުންނާ ބައްދަލު ކުރަން ދިޔުމުން ގިަނ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އަދި މިހެން ކަންތައްކުރުމުން އެހެން މީހުންނަށް ބަލިޖެހުމުގެ ރިސްކު ބޮޑުވާނޭ ކަމަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ޓްރަމްޕްގެ އަމަލުތައް ކުށްވެރިކޮށްފައެވެ.