ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިޔާއިން ޖުލައި މަސް އަންނަންވާއިރަށް ކޮވިޑްވެކްސިންގެ 500 މިލިއަން ޑޯޒް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދަން ވިދާޅުވެއްޖެއެވެ.
ހަރްޝް ވިދާޅުވީ 1.3 ބިލިއަން އާބާދީގެ އިންޑިޔާގެ 250 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ޖުލައި މަސް އަންނަންވާއިރަށް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ހަރްޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓާއި އެހެނިހެން ފަރމަސޫޓިކަލް ކުންފުނިތަކުން އަންނަނީ ބައިނަލްއަގްވާމީ އެކިއެކި ފަރާތްތަކާއި ގުޅިގެން ވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒްތަކެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާއި ނޮވޯވެކްސް ހިމެނެއެވެ.
އިންޑިޔާއިން ވަނީ އެ ގައުމަށް ވެކްސިން ހޯދުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ވަކި ޚާއްސަ ކޮމިޓީތަކެއް އެކުލަވާލާފައެވެ. މި ކޮމިޓީތަކުން ވެކްސިން އުފައްދާ ކުންފުނިތަކާއި ވެކްސިން ފޯރުކޮށްދޭ ކުންފުނިތަކާއި ވާހަކަދައްކައިގެން ވެކްސިން ޑޯޒްތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.
ހަރްޝް ވިދާޅުވީ ވެކްސިން ލިބޭ ވަރަކުން ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށެވެ. ވެކްސިން ދިނުމަށް އެންމެ އިސްކަންދޭނެ ތަރުތީބު މި މަސް ނިމުމުގެ ކުރިން އެކުލަވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ހަރްޝް ވިދާޅުވިއެވެ.
އިންޑިޔާއިން މިހާތަނަށް 6.55 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، ފާއިތުވި 24 ގަޑިއިރު އެކަނިވެސް އެގައުމުން 75،829 މީހަކަށް ވަނީ އަލަށް ކޮވިޑް-19 ޖެހިފައެވެ. ވައިރަސް ޖެހިގެން މިހާތަނަށް އައިއިރު 101،782 މީހުން ވަނީ މަރުވެފައެވެ.