ސްމާޓް ފޯން ކުންފުނި، ވާވޭގެ އިކުއިޕްމަންޓްތަކުގައި ސަލާމަތީގޮތުން ކަންބޮޑުވާންޖެހޭ ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް އިނގިރޭސިވިލާތުގެ މާހިރުން ބުނެފިއެވެ.
މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުން އާއްމުކުރި ރިޕޯޓެއް ބުނާގޮތުން ވާވޭގެ އިކުއިޕްމެންޓުތަކުގައި ސަލާމަތީގޮތުން ކަންބޮޑުވާ ކަންތައް ހުރިކަމަށް ފާހަގަކުރެވިފައިވަނީ އިނގިރޭސިވިލާތުގައި ގާއިމްކޮށްފައިވާ ވާވޭ ސައިބާ ސެކިއުރިޓީ އިވެލުއޭޝަން ސެންޓަރުގެ މާހިރުންނަށެވެ. އެގޮތޮން ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި އިކުއިޕްމަންޓްގެ ސޮފްޓްވެއަރގައި ހުރި މައްސަލަތަކެއްގެ ސަބަބުން ޗައިނާގެ ސަރުކާރަށް އެ އިކުއިޕްމަންޓް ބޭނުންކޮށްގެން ސައިބަރ ހަމަލާއެއް ދެވިދާނެކަން ހިމެނެއެވެ. މިއީ ގަސްތުގައި ކޮށްފައިވާ ކަމަކަށްވުރެ، ސޮފްޓްވެއަރ ތައްޔާރުކުރުމުގައި ދިމާވި މައްސަލަތަކެއް ކަމަށް ބެލެވޭ ކަމަށް މާހިރުން ބުނެއެވެ.
މި "ވަލްނަރަބިލިޓީސް" ބޭނުންކޮށްގެން ސައިބަރ ހަމަލާއެއް މިހާތަނަށް ދީފައިވާކަން ފާހަގަކުރެވެން ނެތެވެ. ނަމަވެސް ހެކަރުންނަށް ނުވަތަ "ދުޝްމަން ދައުލަތަކަށް" މި މައުލޫމާތު ކުރިން ލިބުނުނަމަ، ސޮފްޓްވެއާގައި މައްސަލަތައް ބޭނުންކޮށްގެން އިނގިރޭސިވިލާތަށް އަދި އެހެން ގައުމުތަކަށްވެސް ސައިބާ ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތްކަމަށް މާހިރުންގެ ރިޕޯޓުގައި ބުންޏެވެ.
މި ހޯދުންތައް ހޯދިފައިމިވަނީ އެމެރިކާގެ ކުންފުނިތަކުގެ ޗިޕްތައް ވާވޭގެ އުފެއްދުންތަކުގައި ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން 2027 ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތުގެ މުވާސަލާތީ ވިއުގައިގަ ބޭނުންކުރާ ވާވޭ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން އަންގާފައި ވަނިކޮށެވެ.
އެމެރިކާއިން މިހާރުވެސް ވަނީ ޗައިނާގެ ވާވޭ ކުންފުންޏާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ ވާވޭ އިކުއިޕްމަންޓްތަކުގައި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ކޮމްޕޯނަންޓްތައް ބޭނުންކުރުމަކީ މަނާކަމެކެވެ. ވާވޭ ކުންފުންޏާއި ޗައިނާ ސަރުކާރާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން، އެކުންފުންޏަށް ގިނަ ގައުމުތަކަކުން ވަނީ ފިއްތުންތައް ކުރިމަތިކޮށްފައެވެ.