މިހާތަނަށް އެންމެ ގިނަ އަދަދަކަށް ސްކޫލް ދަރިވަރުން ހިމަނައިގެން ބާއްވާ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފި އެވެ.
މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ނަމުގައި ބާއްވާ މި މުބާރާތުގައި މިއަހަރު 14 ސްކޫލަކުން ޖުމްލަ 65 ޓީމު ވާދަކުރާ އިރު، އަތޮޅު ތެރެއިން ވެސް ޓީމުތައް ބައިވެރިވާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. އެގޮތުން ކ. އަތޮޅުން މާފުށީ ސްކޫލުން ދެ ޓީމެއް ބައިވެރިވާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި މުޅިން އަލަށް ގާޒީ ސްކޫލާއި ޖަމާލުއްދީން ސްކޫލް އަދި ހިރިޔާ ސްކޫލް ވާދަކުރާނެއެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މިއީ 16 އަހަރުން ދަށުގެ އުމުރުފުރާތަކަށް އަމާޒުކުރެވިގެން ކުރިއަށްގެންދާ މުބާރާތެއްގައި ކުޅިވަރަކުން އެންމެ ގިނަ އަދަދަކަށް ޓީމުތައް ބައިވެރިވީ ފުރަތަމަ ފަހަރެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ޖުމްލަ 910 ދަރިވަރުން ބައިވެރިވާނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެއެވެ.
މި މުބާރާތުގައި ދެ ޖިންސުގެ ކުޅުންތެރިން ވާދަކުރާ އިރު، ވާދަކުރާ އުމުރުފުރާތަކަކީ 12 އަހަރާއި 14 އަހަރު އަދި 16 އަހަރުންދަށުގެ އުމުރުފުރާތަކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ބައިގައި 10 ޓީމް ވާދަކުރާއިރު، އަންހެން ބައިގައި 11 ޓީމެއް ވާދަކުރާނެއެވެ. އަދި 14 އަހަރުން ދަށުގެ ފިރިހެން ބައިގައި 12 ޓީމް ވާދަކުރާއިރު، އަންހެން ބައިގައި 14 ޓީމް ވާދަކުރެއެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން ބައިގައި އަށް ޓީމް ވާދަކުރާއިރު، އަންހެންބައި ގައިވެސް އަށް ޓީމް ވާދަކުރެއެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 36 ޓީމު ވާދަކުރި އިރު، އެ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. އަދި އަންހެން ބައިގެ ޗެންޕިއަންކަން ހޯދީ މާފުށި ސްކޫލެވެ.
މީގެ އިތުރުން މުބާރާތުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދަރުމަވަންތަ ސްކޫލެވެ. އަދި 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސުކޫލު ހޯދިއިރު 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސުކޫލެވެ.
މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގެ މެރީ ބްރައުން ފަހަތުގައި އޮންނަ ހުސް ބިމުގައެވެ. އެގޮތުން އެތަނުގައި އެއްފަހަރާ ހަތަރު މެޗު ކުޅެވޭ ގޮތަށް ދަނޑުތައް ހެދިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ ސްޓޭޑިއަމްގައި މި މުބާރާތް ކުރިއަށްގެންދާ އިރު، ކުޅުންތެރިންނާއި ބެލެނިވެރިން އަދި ސަޕޯޓަރުންނަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެ އެސޯސިއޭޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރަމުންދާ ކަމަށެވެ.