ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 16:53
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ)
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ)
ރާއްޖެއެމްވީ
ވޮލީބޯލް
ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް
އިންތިހާބުގައި ޕޭޕާ ކްލަބުތަލަށް ވޯޓުލުމަށް ފުރުސަތެއް ނުދެވޭނެ
ވީއޭއެމް ރީފޯމްކޮށް ނިމުމުން ވޮލީއަށް އުފާވެރިކަން ގެނެސްދޭނެ

ވީއޭއެމްގެ އިސްލާހީ މަސައްކަތްތައް ކުރިއަށްގެންދާއިރު އެންމެ ބޮޑު ސަމާލުކަމެއްދޭނީ ކްލަބްތައް ބާރުވެރިކުރުމަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ބުނެފިއެވެ.

ވީއޭއެމް ރީފޯމް ކުރުމަށް ނިންމައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ ވީއޭއެމްގެ އިންތިހާބުތަކުގައި ހަމައެކަނި ޕޭޕާ ކްލަބްތަކުން ވޯޓު ލައިގެން ވަކި ގޮތްތަކެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ވީއޭއެމްގެ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވާ ކްލަބްތަކަށް އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓުލެވޭ ގޮތަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ރާއްޖޭގެ ގިނަ އެސޯސިއޭޝަންތަކުގައި ވެސް ހަމައެކަނި ކަރުދާހުގައި އޮންނަ ކްލަބްތައް ގިނަ ކަމަށާއި އެހެން ނަމަވެސް ވޮލީގެ އިސްލާހީ މަސައްކަތްތަކާއެކު އެކަން ނިމުމަކަށް ގެންނާނެ ކަމަށެވެ.

މިކަމަށް މިސާލު ޖައްސަވަމުން ލަތީފް ވިދާޅުވީ މީގެ ކުރިން އެފްއޭއެމް ވެސް އޮތީ އެފަދަ ހާލަތެއްގައި ކަމަށާއި އެހެން ނަމަވެސް އިސްލާހީ މަސައްކަތްތައް މިދިޔަ އަހަރު ނިންމާލުމަށްފަހު މިހާރު އެ އެސޯސިއޭޝަން އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އެހެން ކަމުން ވޮލީއަށް ވެސް ބޭނުންވަނީ އެފަދަ ބަދަލެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

ޔޫތު ސްޕޯޓްސް ކްލަބުގެ ފަރާތުން ވީއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައި ލަތީފް އިންތިހާބު ކާމިޔާބު ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެހެން ނަމަވެސް ފަހުން އުފެދުނު ހިޔާލު ތަފާތުވުން ތަކެއްގެ ތެރެއިން ލަތީފް ރައީސްގެ މަގާމުން ދުރުކުރަން މިދިޔަ ފެބްރުއަރީ މަހު ޔޫތުން ވަނީ އެ ކްލަބްގެ މެންބަރު ކަމުން އޭނާ ވަކިކޮށްފަ އެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާގޮތުން ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓަރީ ވެފައިވާ ކްލަބް، ޖަމިއްޔާ، ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

މި މައްސަލައިގައި ލަތީފްގެ މަގާމާ މެދު ސުވާލު އުފެދިފައިވަނިކޮށް، އޭނާ ވިދާޅުވީ މަގާމާ މެދު ސުވާލު އުފެއްދޭކަށް ޖާގައެއް ނެތް ކަމަށާއި އޭނާ އަކީ ހަމައެކަނި ޔޫތުގެ މެންބަރެއް ނޫން ކަމަށެވެ. އަދި އެހެން ކްލަބެއްގެ މެންބަރެއްގެ ގޮތުގައި ހުރުމުން ވީއޭއެމްގެ ރައީސް ކަމުގެ މަގާމު ލަތީފަށް ނުގެއްލޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް