ސެނެގާލްގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ މި ޓްރާންސްފާ ބާޒާރުގައި ނާޕޮލީ ދޫކޮށް ނުދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެ ޓީމުގެ ސްޕޯޓިންގ ޑިރެކްޓަރު ކްރިސްޓިއާނީ ޖުންޓޯލީ ބުނެފިއެވެ.
ކުލިބާލީ އަކީ ނާޕޮލީން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ. އެއާއެކު މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުންވެސް ފާރަލި އުމުރުން 29 އަހަރުގެ ކުލިބާލީ ހޯދުމަށް މެންޗެސްޓާ ސިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕީއެސްޖީންވެސް ކުލިބާލީއަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ނާޕޮލީއާއެކު ސިޓީން ކުލިބާލީ ހޯދުމުގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދި މިހާތަނަށް އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ. އެކަމަކު ނާޕޮލީ ދޫކޮށް ސިޓީއަށް ބަދަލުވާން ކުލިބާލީ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދާދި ފަހުން "ސްކައި ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނާޕޮލީގެ ސްޕޯޓިންގ ޑިރެކްޓަރު ކްރިސްޓިއާނީ ޖުންޓޯލީ ބުނީ ކުލިބާލީ އެ ޓީމުގައި މަޑުކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި، އަދި އޭނާ ޓީމުގައި ހުރީ އުފަލުން ކަމަށެވެ.
އެކަމަކު ދާދި ފަހުން ނާޕޮލީގެ ކޯޗު ޖެނާރޫ ގަޓޫސޯ ވަނީ ކުލިބާލީ އެ ޓީމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައެވެ. ގަޓޫސޯ ބުނީ ކުލިބާލީ އަކީ މި ވަގުތު ފާހަގަކޮށްލެވޭ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެއް ޑިފެންޑަރުކަމާ މެދު ޝައްކެތްވެސް ނެތް ކަމަށާއި، އޭނާ ކުލަބު ދޫކޮށްލާނަމަ އެއީ އެ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. އެކަމަކު ކުލަބެއް ހިނގާނީ ފަންޑު އިތުރުކޮށްގެން ކަމަށާއި، އެހެންކަމުން މި ވަގުތު ކުލިބާލީއާ މެދު ގޮތެއް ނިންމާނީ ޓީމަށް އެންމެ ފައިދާވާ ގޮތަކަށް ބެލުމަށްފަހު ކަމަށް ވަނީ ބުނެފައެވެ.
ގެންކް ދޫކޮށް 2014 ވަނަ އަހަރު 6.5 މިލިޔަން ޕައުންޑަށް ނާޕޮލީއާ ގުޅުނު ކޫލިބަލީ އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކޫލިބަލީ ވަނީ ނާޕޮލީއަށް ކުޅެދިން 247 މެޗުގައި 10 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ނާޕޮލީއާއެކު އިޓާލިއަން ކަޕްގެ އިތުރުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ސެނެގާލްގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ ކުލިބާލީ ވަނީ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި 42 މެޗު ކުޅެފައެވެ.