ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 14:53
13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ޓާފް ދަނޑުތަކުގެ މަސައްކަތް
13 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ސޮއިކޮށްފި
މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާ
މިހާތަނަށް ވަނީ ފަސް ރަށެއްގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް ނިންމާލާފައި

ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ނިންމާފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ހޯމަ ދުވަހު ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްއެވެ. އަދި ވީއޭއެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޒުބައިރެވެ.

ރާއްޖޭގެ 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ހޯމަ ދުވަހު ސޮއިކުރިއިރު، އެ ރަށްތަކަކީ ށ. ފުނަދޫ، ށ. ފޯކައިދޫ، ށ. މިލަންދޫ، ނ. ކުޑަފަރި، ނ. ވެލިދޫ، ޅ. އޮޅުވެލިފުށި، ރ. ދުވާފަރު، ރ. މާކުރަތު، ކ. މާފުށި، ކ. ގުޅި، ކ. ގުރައިދޫ، އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ. މި 13 ރަށުގެ ދަނޑުތަކުގައި ޓާފް އެޅުމަށް ވީއޭއެމްކޯއާ ހަވާލުކޮށްފައިވަނީ 38 މިލިޔަން ރުފިޔާއަށެވެ.

13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މަސައްކަތް ވީއޭއެމްކޯއާ ހަވާލުކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގެ ސަބަބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި ރައީސް ޞާލިޙާއި ކުޅިވަރާ ބެހޭ ވުޒާރާގެ އަމާޒަކީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުން ކަމަށާއި، މި ދަނޑުތަކުގެ ސަބަބުން ރާއްޖޭގައި ނެތެމުންދާ ފުޓުބޯޅައިގެ ފޯރި އާލާ ވެގެންދާނެ ކަމަށެވެ. އަދި ރަށްތަކުން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، މިހާތަނަށް ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާދް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

- ކޮމެންޓް