އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ލަނޑު ކާމިޔާބުކުރި މެޗުން ރޯމާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރޯމާއިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑަން ވެރެޓައުޓެވެ.
މި ލަނޑާއެކު ޔުވެންޓަސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޯމާއިން ވަނީ އަލުން ލީޑު ނަގާފައެވެ. ހެންރިކް މިކިތާރިޔަނުގެ އެހީއާއެކު ރޯމާއަށް އަލުން ލީޑު ނަގައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި ވެރެޓައުޓެވެ.
ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާ އާއި ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގައި ޔުވެންޓަސްއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ 62 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު އެ ޓީމުގެ އޭޑްރިއަން ރަބިއޯއަށް ރަތް ކާޑު ދެއްކުމުންނެވެ. އެކަމަކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އައި ޔުވެންޓަސްއިން ވަނީ މެޗުގެ 69 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. ޑެނީލޯ ނަގައިދިން ހުރަހަކުން މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.
އަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުވެންޓަސް ލީގުގައި ކުޅުނު ދެވަނަ މެޗުން އެއްވަރުވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ލީގުގައި އާދީތައް ދުވަހުގެރޭ ކްރޮޓޯން އަތުން 2-0 ން މޮޅުވި އޭސީ މިލާން އޮތީ ތާވަލުގެ ދެވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ.