ކ. މާލެ
|
27 ސެޕްޓެންބަރ 2020 | އާދީއްތަ 22:53
ސިޓީ އާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 5-2 ން
ސިޓީ އާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެސްޓާ މޮޅުވީ 5-2 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ވާޑީގެ ހެޓްރިކާއެކު ސިޓީ އަތުން ލެސްޓާއަށް ފަސޭހަ މޮޅެއް
ސިޓީ އަތުން ލެސްޓާ މޮޅުވީ 5-2 ގެ ނަތީޖާއަކުން
ޓޮޓެންހަމާއި ނިއުކާސަލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީ އަތުން ފަސޭހަކަމާއެކު ލެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމުގެ މައްޗަށް ލެސްޓާ ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ލެސްޓާއަށް ކުރިން ކުޅުނު ރިޔާދު މާރޭޒެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ ޖެމީ ވާޑީއެވެ.

އަދި ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ވާޑީ ލެސްޓާއަށް ލީޑު ނަގައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ވާޑީ ވަނީ ލެސްޓާއަށް ލީޑު ފުޅާކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 77 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަނެވެ. މެޗުގެ 84 ވަނަ މިނެޓުގައި މި ޓްރާންސްފާ ބާޒާރުގައި ސިޓީއާ ގުޅުނު ނަތަން އަކޭ އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ޔޫރީ ޓިއެލެމަންސް ވަނީ ލެސްޓާގެ ފަސްވަނަ ލަނޑު ޖަހާފައެވެ.

ޓޮޓެންހަމާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑުން ވަނީ ފަހު ވަގުތު ޓޮޓެންހަމް ހޮޓްސްޕާ އަތުން ޕޮއިންޓެއް ހޯދާފައެވެ. ޓޮޓެންހަމާއި ނިއުކާސަލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ންނެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ޓީމުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ހެރީ ކޭންގެ އެހީއާއެކު މި ލަނޑު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ.

އޭގެ ފަހުން މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ނިއުކާސަލުން ނަތީޖާ އެއްވަރުކޮށްފައިވަނީ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ކަލުމް ވިލްސަނެވެ. މިއީ އޭރިއާ ތެރެއިން ޓޮޓެންހަމުގެ އެރިކް ޑަޔާގެ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ލެސްޓާ އޮތްއިރު، ލެސްޓާ އަތުން ބަލިވި ސިޓީ އޮތީ ތާވަލުގެ 13 ވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ހަތްވަނައިގައި އޮތް ޓޮޓެންހަމާއި ނުވަވަނައިގައި އޮތް ނިއުކާސަލަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް