ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ހޮފެންހައިމް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވެއްޖެއެވެ.
މި މެޗުން ބަޔާން ބަލިވީ 4-1 ންނެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހަށްފަހު މެޗަކުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޑިސެމްބަރު މަހު ބަޔާނުގެ ކޯޗުގެ މަގާމާ ހަންސީ ފްލިކް ހަވާލުވި ފަހުން އެ ޓީމު ބަލިވި ހަތަރުވަނަ މެޗެވެ. މި މެޗުގެ ކުރިން ބަޔާނުން ވަނީ އެއްވެސް މެޗަކުން ބަލިނުވެ 32 މެޗު ހަމަކޮށްފައެވެ.
މި މެޗުން ބަލިވުމާއެކު ބަޔާނުގެ ރިކޯޑަށް ނިމުމެއް އައި ނަމަވެސް، އަދިވެސް ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރިކޯޑު އޮތީ އެ ޓީމު އަތުގައެވެ. ބަޔާނުގެ ކުރިން އެ ރިކޯޑު ދަމަހައްޓަމުން އައީ 2014 ވަނަ އަހަރު 22 މެޗުން ޖެހިޖެހިގެން މޮޅުވި ރެއާލް މެޑްރިޑުންނެވެ.
ހޮފެންހައިމުގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ޓީމުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު ހޮފެންހައިމަށް ކާމިޔާބުކޮށްދިނީ އެރުމިން ބިޗަކްޗިޗެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި މޫނަސް ދައްބޫރު ވަނީ ހޮފެންހައިމަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ހޮފެންހައިމުން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗެވެ.
މި މެޗުގައި ބަޔާނުގައި ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 77 ވަނަ މިނެޓުގައި ހޮފެންހައިމުން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރެއި ކްރަމަރިޗެވެ. އަދި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކްރަމަރިޗް ވަނީ ހޮފެންހައިމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.
ލީގުގައި ކުޅުނު ދެވަނަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން ބަލިވިއިރު، އެ ޓީމު މިހާރު އޮތީ ލީގު ތާވަލުގެ ހަވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. ބަޔާން ބަލިކުރި ހޮފެންހައިމް އޮތީ ތާވަލުގެ އެއްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ.