އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ މިލާނުން ފަހަތުން އަރައި ފިއޮރެންޓީނާ ބަލިކޮށްފިއެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ފިއޮރެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ކުއަމޭއެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓައިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އިންޓައަށް ޖަހައިދިނީ ލަޓަރޯ މާޓިނޭޒެވެ.
މެޗުގެ ދެވަނަ ހާފުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔައިރު، މި ހާފުގެ ހަތްވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ފިއޮރެންޓީނާގެ ފެޑެރީކޯ ޗެއްކެރީނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ފިއޮރެންޓީނާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގައެތާނޯ ކަސްޓްރޮވީލީއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ފެޑެރީކޯ ކިއެސާ ވަނީ ފިއޮރެންޓީނާއަށް އަލުން ލީޑު ނަގާދީފައެވެ.
އިންޓައިން މި މެޗުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ފަހު ތިން މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 87 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫގެ ލަނޑުން އިންޓައިން ނަތީޖާ އެއްވަރުކުރިއިރު، އޭގެ ދެ މިނެޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ ޑެނީލޯ ޑަމްބްރޯސިއޯއެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން އިންޓަ މޮޅެއް ހޯދިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހުގެރެއެވެ. އެރޭ ރަށުން ބޭރުގައި އިންޓަ ނުކުންނާނީ ބެނެވެންޓޯއާ ދެކޮޅަށެވެ.