ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުުގައި ސާޖިއޯ ރާމޮސް ވައްދާލި ޕެނަލްޓީން ރެއާލް ބެޓިސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 3-2 ންނެވެ. މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރެއާލުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް ވަނީ ރެއާލް ސޮސިއެޑާޑާ އެއްވަރުވެފައެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭއެވެ.
އެކަމަކު ބެޓިސްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޑިފެންޑަރު އައީސާ މަންޑީ ބެޓިސްއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ބެޓިސްއަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ވިލިއަމް ކަވާލިއޯއެވެ.
އެކަމަކު ދެވަނަ ހާފުގައި ރެއާލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ބެޓިސްގެ އެމަސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ބެޓިސްއަށް އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 67 ވަނަ މިނެޓުއި އެމަސަނަށް ސީދާ ރަތް ކާޑެއް ދެއްކި ހިސާބުންނެވެ.
މި މެޗުން ރެއާލް މޮޅުވި ލަނޑު ލިބުނު ޕެނަލްޓީއަކުން ރާމޯސް ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން އަށް މިނެޓަށްވެފައި ވަނިކޮށެވެ. މި ޕެނަލްޓީއަކީ ބެޓިސްގެ ޑިފެންޑަރު މާކް ބާޓްރާ އަތުގައި ބޯޅަ ޖެހުމުން ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ރާމޯސް ކާމިޔާބުކުރިއިރު، މިއީ ޖެހިގެން ސްޕެނިޝް ލީގުގައި އޭނާ ލަނޑު ޖެހި 17 ވަނަ ސީޒަނެވެ.
ބެޓިސް އަތުން ހަނި ގޮތަކަށް ރެއާލް މޮޅުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ރެއާލް އަތުން ބަލިވި ބެޓިސް އޮތީ ތާވަލުގެ ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ.