މީގެ ކުރިން މި އަހަރު ބާއްވަން އޮތް ޓޯކިޔޯ އޮލިމްޕިކް ގޭމްސް އަންނަ އަހަރު ބާއްވަން ޖަޕާން އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ ސަބަބުން އޮލިމްޕިކް ގޭމްސް އަންނަ އަހަރަށް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ގިނަ ގައުމުތަކުން އެކަމަށް ގޮވާލުމުންނެވެ. މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި މަހުގެ 24ން އޮގަސްޓް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 23ން އޮގަސްޓް މަހުގެ 8ށް އޮލިމްޕިކްސް ބާއްވަން ތާވަލުކޮށްފައެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 24ން ސެޕްޓެމްބަރު މަހުގެ ފަހަކަށެވެ.
ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އަށް ފޮނުއްވި މެސެޖެއްގައި ސުގާ ވިދާޅުވީ އަންނަ އަހަރުގެ ހޫނު މޫސުމުގައި އޮލިމްޕިކް ގޭމްސް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ޖަޕާނުން ތައްޔާރު ވަމުން އަންނަ ކަމަށާއި، އަދި އަންނަ އަހަރު ބާއްވާ އޮލިމްޕިކް ގޭމްސްއިން އެނގިގެންދާނީ މި ހާލަތުން އިންސާނުން އަރައިގަނެފައިވާކަން ކަމަށެވެ.
ކާމިޔާބު އޮލިމްޕިކް ގޭމްސްއެއް އަންނަ އަހަރު ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރައްވަމުން ސުގާ ވިދާޅުވީ ޖަޕާނުގައި ބޭއްވޭ އޮލިމްޕިކް ގޭމްސް ވެގެންދާނީ ސިއްހީ ގޮތުންނާއި، ސަލާމަތީ ގޮތުން އަދި އެނޫންވެސް ގޮތް ގޮތުން އަޅަންޖެހޭ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް އެޅިގެން ކުރިޔަށް ގެންދާނެ ގޭމްސްއަކަށް ކަމަށެވެ.
އަންނަ އަހަރު އޮލިމްޕިކްސް ބާއްވަން ޖަޕާން ތައްޔާރަށް އޮތް ނަމަވެސް، މީގެ ކުރިން އައިއޯސީގެ ރައީސް ތޯމަސް ބާކް ވިދާޅުވީ އަންނަ އަހަރަށް މިހާރު ތާވަލުކޮށްފައިވާ އޮލިމްޕިކް ގޭމްސް ކެންސަލް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަދި އޮލިމްޕިކްސް އޯގަނައިޒިންގ ކޮމިޓީގެ ޗެއާމަން ޔޮޝީރޯ މޯރީވެސް މީގެ ކުރިން ވަނީ އަންނަ އަހަރުވެސް ހާލަތު ރަނގަޅު ނުވެއްޖެނަމަ، ގޭމްސް އިތުރަށް ފަސްނުކޮށް، ކެންސަލް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަދި މީގެ ކުރިން ބައިނަލްއަގުވާމީ ސިއްހީ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސާ ދޭވީ ސްރިދާރު ވަނީ އަންނަ އަހަރުވެސް އޮލިމްޕިކް ގޭމްސް ބޭއްވުން ނާދިރު ކަމަށާއި، ގޭމްސް ކުރިއަށް ގެންދެވޭނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިގެން ކަމަށް ވިދާޅުވެފައެވެ. އަދި ޖަޕާނުގެ މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ އަންނަ އަހަރު ގޭމްސް ބޭއްވުމަކީ ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ބުނެފައެވެ.