އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ބްރޮމް އަތުން ފަހު ވަގުތު ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެއެވެ.
ވެސްޓް ބްރޮމުގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3 ން ދެ ޓީމު އެއްވަރުވެގެންނެވެ.
މި ޓްރާންސްފާ ބާޒާރުގައި ޗެލްސީއާ ގުޅުނު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ މުޅިން އަލަށް މި މެޗުގައި ކުޅުނުއިރު، ޗެލްސީން ވަނީ މި މެޗުގައި އޭނާއަށް ކެޕްޓަން ބޭންޑް ދީފައެވެ. އަދި މި މެޗުގައި ދުނިޔޭގެ އެނެމް އަގުބޮޑު ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާގެ ބަދަލުގައި ޗެލްސީގެ ގޯލު ބަލަހައްޓާފައިވަނީ ވިލީ ކަބަލޭރޯއެވެ.
ޗެލްސީގެ ފަރާތުން މި މެޗުގެ ފުރަތަމަ ހާފުގައި އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ވެސްޓް ބްރޮމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި މަތެއުސް ޕެރެއިރާ ދިން ޕާހަކުން ކަލުމް ރޮބިންސަން ވަނީ ވެސްޓް ބްރޮމަށް ލީޑު ނަގައިދީފައެވެ.
މެޗުގައި ވެސްޓް ބްރޮމުން ލީޑު ފުޅާކުރީ 25 ވަނަ މިނެޓުގައެވެ. ތިއާގޯ ސިލްވާ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ވެސްޓް ބްރޮމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ކަލުމް ރޮބިންސަނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑާނެލް ފާލޯންގުގެ އެހީއާއެކު ކައިލް ބާޓްލީ ވަނީ ވެސްޓް ބްރޮމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ބަދަލުތަކެއް ގެނައިރު، މި ހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ.
އަދި މެޗުގެ 70 ވަނަ މިނެޓުގައި ކައި ހަވާޓްޒް ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަލުމް ހަޑްސަން-އޮޑޯއި ވަނީ ޗެލްސީއަށް ފަރަގު ކުޑަކޮށްދީފައެވެ. މި މެޗުން ޗެލްސީ ބަލިނުވެ ސަލާމަތްވީ އިތުރު ވަގުތުގައި ޓެމީ އަބްރަހަމް ކާމިޔާބުކުރި ލަނޑުންނެވެ.
ވެސްޓް ބްރޮމް އަތުން ޗެލްސީއަށް ޕޮއިންޓެއް ލިބުނުއިރު، ޗެލްސީ އޮތީ ލީގު ތާވަލުގެ ހަވަނައިގައި ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. އަދި ވެސްޓް ބްރޮމް އޮތީ ތާވަލުގެ 16 ވަނައިގައި ތިން ޕެޗުން އެންމެ ޕޮއިންޓަކާއެކުއެވެ.