ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް އަދި ބަޔާން ބައްދަލުކުރި މެޗުގައި ބަޔާންގެ ކޯޗު ކާލޯ އެންޗެލޮޓީ އަށް ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިފެހެއްޓީ، ބަޔާން މިއުނިކް ކަޓައި ރެއާލް މެޑްރިޑް މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މި ދެޓީމު މެޗަށް ނިކުތުމުގެ ކުރިން އެންޗެލޮޓީ ބުނީ އޭނާގެ ހުރިހާ ވިސްނުމެއްވެސް ހުރީ އިދިކޮޅަށް ކުޅޭ ޓީމުގެ ރޮނާލްޑޯ ހިފެހެއްޓުމައް ކަމަށެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށް އެޓީމު މޮޅުކޮށްދީފައެވެ.
ރެއާލް ދަނޑުގައި ކުޅުނު މި މެޗު އިތުރުވަގުތު ކުޅެގެން ބަޔާންއާ ވާދަކޮށް މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެފައިވަނީ ބަޔާން އިންނެވެ. އެގޮތުން އެޓީމަށް ވަނީ ފުރަތަމަ ހާފްގައި ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފްގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށްވެސް މާ އެދެވޭ ފުރުސަތެއް އެޓީމަށް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގައިވެސް ބަޔާން އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ލަނޑު ޖަހަން ފުރުސަތުތަކެއްވެސް އެޓީމުން ތަނަވަސްކުރި އެވެ. މެޗުގައި އެޓީމުން ލީޑު ނެގީ 53 ވަނަ މިނެޓުގައި ރޮބާޓް ލެވެންޑޯސްކީ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލެވެންޑޯސްކީގެ މި ލަނޑާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ރެއާލް ކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ.
Hear Robert Lewandowski become the first player to score SIX #UCL goals v Real Madrid...
— Champions League (@ChampionsLeague) April 18, 2017
https://t.co/56sPqiKpM0
ބަޔާންގެ މި ލަނޑާއެކު ރެއާލް އިން އެޓީމުގެ ކުޅުން ރަނގަޅުކުރި އެވެ. އެގޮތުން ބަޔާންގެ ހާފަށް ބާރުބޮޑުކޮށް މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތްކުރި އެވެ. އޭގެ ނަތީޖާއަކަށްވެގެންދިޔައީ 76 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުން އެޓީމު ނަތީޖާ ހަމަހަމަކުރުމެވެ.
އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ބަޔާން އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާ ރެއާލް ހާސްކޮށްލާފައެވެ. މި ލަނޑަކީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗުގައި ރެއާލް އަށް ކުރިޔަށް ދާން ފަސޭހަވީ 84 ވަނަ މިނެޓުގައި ބަޔާންގެ އާޓޫރޯ ވިޑާލް އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެގޮތުން ބަޔާންގެ ހާފަށް ރެއާލް އިން ހަމަލާތައް ގިނަ ކުރިއެވެ. އެހެންނަމަވެސް މެޗު ނިމުނީ 1-2 ގެ ނަތީޖާއިން ރެއާލް ބަލިވެގެންނެވެ. އެގޮތުން ބަޔާން ދަނޑުގައި ކުޅުނު މެޗުން ރެއާލް 1-2 ގެ ނަތީޖާއިން މޮޅުވެފައިވުމާއެކު އެގްރިގޭޓް ނަތީޖާއިން 3-3 ގެ ނަތީޖާއިން ދެޓީމު އެއްވަރުވުމުން ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ.
ރެއާލް އިން 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ބަޔާންގެ ހާފަށް ފުލުފުލުގައި ދެވަނަ ހާފްގައި ހަމަލާތައް އަމާޒުކުރިއިރު، ރެއާލް އަށް ދެވަނަ ފަހަރަށްވެސް ނަތީޖާ ހަމަހަމަކޮށްދިނީ ރޮނާލްޑޯ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރާމޮސް ދިން ޕާހަކުންނެވެ. ރިޕްލައިން ފެންނަގޮތުގައި މި ލަނޑު އޮފްސައިޑް ކަމަށްވާއިރު، ރެފްރީ ނިންމީ ލަނޑެއްގޮތުގައެވެ.
UEFA Champions League goals!
— Champions League (@ChampionsLeague) April 18, 2017
ANOTHER RECORD for @realmadrid's incredible @Cristiano Ronaldo. #UCL pic.twitter.com/lwoR2wzldr
ބަޔާންގެ ފަރާތުން 15 މިނެޓުގެ ދެހާފްގައިވެސް މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު، އެޓީމަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިދިނީ 110 ވަނަ މިނެޓުގައި ރޮނާލްޑޯ އެވެ. މި ލަނޑާއެކު އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށް ޗެމްޕިއަންސް ލީގުގައި 100 ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.
ރެއާލް އިން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 112 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ މާކޯ އެސެންސިއޯ އެވެ. އޭނާ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރާ މޮޅު ކުޅުމެއް ދައްކާފައެވެ.