ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 21:32
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ
ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ
ގެޓީ އިމޭޖަސް
ކާންޓޭ ހޯދަން ކުރާ މަސައްކަތް
ކާންޓޭ ހޯދުމަށް އިންޓައިން އަލުން ބިޑް ކުރަނީ
އިންޓަގެ ތިން ކުޅުންތެރިން ހުށަހެޅުމަށްފަހު 30 މިލިޔަން ޕައުންޑަށް ކާންޓޭ ހޯދަން ހުށަހަޅާނެ
ކާންޓޭ ވިއްކާނުލާނެ ކަމަށްވެސް ލަމްޕާޑް މީގެ ކުރިން ވަނީ ބުނެފައި

ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހޯދުމަށް އިންޓަ މިލާނުން އަލުން ބިޑް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން އިންޓައިން ކާންޓޭ ހޯދުމަށް ކުރި ބިޑް ޗެލްސީން ބަލައިގަނެފައެއް ނުވެއެވެ. އިންޓައިން އެފަހަރު ބިޑް ކުރީ އެ ޓީމުގެ ދެ މިޑްފިލްޑަރުން ކަމަށްވާ ކްރިސްޓިއަން އެރިކްސަން އާއި މާސެލޯ ބްރޮޒޮވިޗް ޗެލްސީއަށް ހުށަހަޅާފައެވެ.

މި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމަށް މިހާތަނަށް 200 މިލިޔަން ޕައުންޑަށް ވުރެން ގިނައިން ޚަރަދު ކޮށްފައިވާ ޗެލްސީން އަންނަނީ އެ ޓީމުގެ ބައެއް ކުޅުންތެރިން ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު ޗެލްސީން ވިއްކާލަން މަސައްކަތް ކުރާ ކުޅުންތެރިންގެ ތެރޭގައި ކާންޓޭ ނުހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޓައިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ޓީމުގެ ތިން ކުޅުންތެރިން ޗެލްސީއަށް ހުށަހެޅުމަށްފަހު 30 މިލިޔަން ޕައުންޑަށް ކާންޓޭ ގެނައުމަށެވެ.

ކާންޓޭ އަކީ ޗެލްސީގެ ކޯޗަކަށް މިހާރު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރިިއިރު ގެނައި ކުޅުންތެރިއެކެވެ.

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ކާންޓޭއަށް ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާއަކީ އަދިވެސް ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބުނެފައެވެ. އަދި ކާންޓޭ ޗެލްސީގައި ދިގު މުއްދަތަކަށް މަޑުކުރުވަން ބޭނުން ކަމަށާއި، ކާންޓޭ ވިއްކާނުލާނެ ކަމަށްވެސް ލަމްޕާޑް މީގެ ކުރިން ވަނީ ބުނެފައެވެ.

ލެސްޓާ ސިޓީން ވިދާލި ކާންޓޭ ޗެލްސީއަށް ބަދަލުވީ 2016 ވަނަ އަހަރެވެ. މިހާތަނަށް ޗެލްސީއަށް ކުޅެދިން 172 މެޗުގައި 11 ލަނޑު ޖަހާފައިވާ ކާންޓޭ ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކާންޓޭ ވަނީ ޕީއެފްއޭއިން ހޮވާ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

- ކޮމެންޓް