ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 21:00
އޯގްސްބާގާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އޯގްސްބާގް މޮޅުވީ 2-0 ން
އޯގްސްބާގާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އޯގްސްބާގް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
އޯގްސްބާގުން ޑޯޓްމުންޑް ބަލިކޮށްފި
ޑޯޓްމުންޑް އަތުން އޯގްސްބާގް މޮޅުވީ 2-0 ގެ ނަތީޖާއަކުން
ޑޯޓްމުންޑް ބަލިކޮށް އޯގްސްބާގް އޮތީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އޯގްސްބާގުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށްފިއެވެ.

އޯގްސްބާގުގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ޑޯޓްމުންޑުން ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޯގްސްބާގުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޑަނިއެލް ކަލިގިއުރީގެ އެހީއާއެކު މި ލަނޑު އޯގްސްބާގަށް ޖަހައިދިނީ ފީލިކްސް އުޑުއޯޚައިއެވެ.

ދެވަނަ ހާފު ފަށައިގެންވެސް އޯގްސްބާގުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ނުވަވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ފްލޯރިއަން ނީޑަލެހްނާގެ އެހީއާއެކު މި ލަނޑު އޯގްސްބާގަށް ކާމިޔާބުކޮށްދިނީ ކަލިގިއުރީއެވެ.

މި މެޗުގައި ޑޯޓްމުންޑުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އޯގްސްބާގުގެ ގޯލްކީޕަރު ރަފަލް ގިކިއެވިޗް ވަނީ މުހިންމު ސޭވުތަކެއް ކޮށް ޑޯޓްމުންޑް ހުއްޓުވާފައެވެ. މެޗު ނިމެން ދަނިކޮށް އޯގްސްބާގުގެ އަލްފްރޭ ފިންބޮގަސަނަށް ވަނީ ތިންވަނަ ލަނޑެއް ޖެހުމަށް ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ޑޯޓްމުންޑުގެ ގޯލްކީޕަރު ރޯމަން ބާކީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ލީގުގައި ކުޅުނު ދެވަނަ މެޗުން ޑޯޓްމުންޑް ބަލިވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ 10 ވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. ޑޯޓްމުންޑް ބަލިކުރި އޯގްސްބާގް އޮތީ ތާވަލުގެ އެއްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ޑޯޓްމުންޑް ކުޅޭ މެޗުގައި އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ފްރެއިބާގާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް