މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހޭ މީހުންގެ 20 އިންސައްތައަށް ވުރެ ގިނައިން ހިއްސާކުރަމުން އަންނަ އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށް އަރައިފިއެވެ.
އެމެރިކާގައި ހަ މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ ނިމުނު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހާ ހަމަައަށް އައިއިރު، އިތުރު އެއް މިލިއަން މީހުންނަށް ވައިރަސް ޖެހި، އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 7 މިލިއަނަށް އަރާފައެވެ. އެމެރިކާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ދެ ލައްކައަށް އަރާފައިވަނީވެސް ނިމިގެންދިޔަ ހަފްތާގައެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 700 މީހުން އަންނަނީ މި ބަލީގައި މަރުވަމުންނެވެ.
އެމެރިކާގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައި ވަނީ ކެލިފޯނިއާއިންނެވެ. އެއީ އަށް ލައްކަ މީހުންނެވެ. އެއަށްފަހު ޓެކްސަސް، ފްލޮރިޑާ އަދި ނިއުޔޯކުންނެވެ. ނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައިވާނީ އެ ގައުމުގެ މިޑްވެސްޓަށް ނިސްބަތްވާ ސްޓޭޓްތަކުންނެވެ.
އެގޮތުން މިޑްވެސްޓަށް ނިސްބަތްވާ ސްޓޭޓްތަކުގެ ތެރެއިން އޮހަޔޯ ފިޔަވައި ދެން ހުރި ހުރިހާ ސްޓޭޓްތަކުންވެސް ފާއިތުވި ހަތަރު ހަފްތާ ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ އޭގެ ކުރީ ހަތަރު ހަފްތާއާ އަޅާބަލާއިރު މައްޗަށްގޮސްފައެވެ. އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ ނޯތު ޑަކޯޓާ އާއި ސައުތު ޑަކޯޓާ އިންނެވެ. ސައުތު ޑަކޯޓާއިން ކޭސްތައް ފެންނަ މިންވަރު ވަނީ 166 އިންސައްތަ އިތުރުވެފައިވާއިރު، ނޯތު ޑަކޯޓާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ދެ ގުނަ އިތުރުވެފައެވެ.
ރޮއިޓަރސްގެ އެނަލިސިސް ދައްކާގޮތުން ސެޕްޓެމްބަރ މަހު އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން ދެ ބައިކުޅަ އެއްބައި ސްޓޭޓްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ މަތިވެފައެވެ. އަދި 10 ސްޓޭޓަކުން ދުވާލަކު ފެންނަ ކޭސްތައް ވަނީ އިތުރުވެފައެވެ. އައު ކޭސްތައް އިތުރުވާން ފަށާފައިމިވަނީ ކޭސްތައް ފެންނަ މިންވަރު ޖެހިޖެހިގެން އަށް ހަފްތާ ވަންދެން ދަށަށް ދިޔުމަށްފަހުއެވެ.
އެމެރިކާގެ ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި ކޭސްތައް އިތުރުވާން ފެށި ސަބަބަކީ ސްކޫލްތަކާއި ޔުނިވަރސިޓީތައް އަލުން ހުޅުވާލުމާއި ލޭބަރ ޑޭ އާ ގުޅިގެން ގިނަބަޔަކު އެއްވެގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކެވެ. ޔުނިވަރސިޓީ އޮފް ނޯރތް ކެރޮލިނާއިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ކޮލެޖްތަކާއި ޔުނިވަރސިޓީތައް ހުޅުވާލުމާއި ގުޅުގެން ދުވާލެއްގެ މައްޗަށް އެެމެރިކާގައި އަލަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ މީހުންގެ އަދަދަށް 3000 މީހުން އިތުރުވެގެންދާނެއެވެ.
އެމެރިކާ އަކީ މިވަގުތު ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަށް ވާއިރު، ކޮވިޑަށް ޕޮޒިޓިވްވާ މީޙުންގެ އެވަރެޖް އުޅެނީ ދުވާލެއްގެ މައްޗަށް ދުވަހުގެ އެވަރެޖް އުޅެނީ 40،000 އެވެ. އެެމެރިކާގެ އިންފެކްޝަސް ޑިޒީޒް އެކްސްޕަރޓް، ޑރ. އެންތަނީ ފައުޗީ ވަނީ އޮކްޓޯބަރ މަހުގެ ފްލޫ ސީޒަން ފެށެން ވާއިރު އެގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 10،000ށް ވުރެ ދަށަށްދާން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް އަދި ދެ ވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ޑޮނަލްޑް ޓްރަމްޕް ވައިރަސް ކޮންޓްރޯލްކުރުމުގައި ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުންވެސް އެގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލްނުވާނެ ކަމަށް ދެކޭ މީހުން ގިނައެވެ. މިމަހުގެ ކުރީކޮޅު ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާގައި ކޮވިޑް-19 ގެ އެންމެ ގޯސް ހާލަތު މިހާރު ނިމުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް ފައުޗީ ވަނީ ކޭސްތައް ފެންނަ މިންވަރުން އެހެން އެގޮތަށް ވެދާނެކަމާމެދު ސުވާލު އުފައްދަވާފައެވެ.