ނޮވޭވެކްސް އިން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ކްލިނިކަލް ޓްރެއަލްގެ އެންމެ ފަހުގެ ޓެސްޓްތައް އިނގިރޭސިވިލާތުގައި ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
މި ޓެސްޓްތައް ކުރިޔަށްދާނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ވެކްސިން ޓާސްކް ފޯރސް އާއި ގުޅިގެންނެވެ. މިޓެސްޓްތަކުގައި އުމުރުން 18 އަހަރާއި 84 އަހަރާ ދެމެދުގެ 10،000 މީހުން ބައިވެރިވާނެ އެވެ. އަދި ބެލެވޭ ގޮތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަސްއާ ދެކޮޅަށް އެންޓިބޮޑީޒް އުފައްދާނެ އެވެ.
ކުރިއަށް އޮތް ހަތަރު ހަފްތާ އާއި ހަ ހަފްތާ ތެރޭގައި ވެކްސިންގެ ޓްރެއަލް ތެރެއިން ނިކުންނަ ނަތީޖާތައް މިވެކްސިނަށް އިނގިރޭސިވިލާތާއި، އީޔޫ އަދި އެހެން ގައުމުތަކުގައި ލައިސަންސް ހޯދުމަށް ބޭނުންކުރެވޭނެ އެވެ.
ނޮވޭވެކްސް އިން މީގެކުރިން ބުނެފައިވަނީ އެކުންފުނިން އުފައްދާ ވެކްސިން އަށް އެމެރިކާގެ އެޕްރޫވަލް ޑިސެމްބަރ މަހުގެ ތެރޭގައި ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.
އެކުންފުނިން ބުނެފައިވަނީ ޓްރެއަލްގައި ބައިވެރިކުރާ މީހުންގެ ތެރެއިން 25 އިންސައްތަ އަށް ވުރެ ގިނައިން ބައިވެރިކުރާނީ އުުމުރުން 65 އަހަރުން މަތީ މީހުންކަމަށާއި އަދި ވެކްސިންގެ ޓްރެއަލް ކުރިއަށް ގެންދިއުމަށް ގްރޫޕްތައް ކަނޑައަޅާއިރު ވައިރަސް އިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ގްރޫޕްތަކަށް އިސްކަންދޭނެކަމަށެވެ.
މީގެއިތުރުން 2021 ވަނަ އަހަރުގެ މެދު ތެރޭ ހިސާބުގައި ވެކްސިންގެ 2 ބިލިއަން ޑޯޒް ތައްޔާރުކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ނޮވޭވެކްސް އިން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންގެ ޑޯޒް ހޯދުމަށް އީޔޫއިން އެކުންފުންޏާއެކު ދައްކަމުން އަންނަ ވާހަކަތައް މިހާރު ވަނީ ނިމުމަކާ ހިސާބުގައެވެ.
އަނެއްކޮޅުން ނޮވޭވެކްސް އިން ކޮވިޑް-19 އަށް އުފައްދަމުންދާ ވެކްސިންގެ ކްލިނިކަލް ޓްރެއަލް ކާމިޔާބު ކަމަށާއި އެވެކްސިނަކީ ބޭނުންކުރުމަށް ރައްކާތެރި ވެކްސިނެއްކަމަށް އެކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާއެއްގައި ވަނީ ބުނެފައެވެ. ނިއު އިންގްލެންޑްގެ މެޑިސިން ޖާރނަލް އެއްގައި ޝާއިއުކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ މިވެކްސިންގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމަށެވެ. މިވެކްސިންގެ ކްލިނިކަލް ޓްރެއަލްގެ ނަތީޖާ އެ ކުންފުނިން ވަނީ އޮގަސްޓް މަހު އިއުލާންކޮށްފައެވެ.
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ދަށުން މުޅި ދުނިޔޭގައި 170ށް ވުރެ ގިނަ ވެކްސިން އުފައްދަމުން އަންނައިރު 30ށް ވުރެ ގިނަ ވެކްސިން އުޅެނީ ކްލިނިކަލް ޓްރެއަލްގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެއެވެ.