ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 06:54
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
އޭބީސީ ނިއުސް
ބޭންކް އެކައުންޓް ފްރީޒް ކުރުން
ރަޝިޔާގެ އިދިކޮޅު ލީޑަރުގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފި
ހޮސްޕިޓަލުން ދޫކޮށްލީ ބުދަ ދުވަހު
އެޕާޓްމަންޓް ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި
ކޯޓުން ދަނީ މައްސަލަ އެއް ބަަލަމުން

ކޯޓު އަމުރުގެ ދަށުން ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ އެކައުންޓްތައް ފްރީޒްކޮށް އޭނާގެ ގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ނަވަލްނީގެ ތަރުޖަމާނު ޔަރްމީޝް ވިދާޅުވީ، އޭނާގެ މިލްކިއްޔާތުގައި ހުރި ތަންތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ތެރޭގައި މޮސްކޯގައި ހުންނަ ތިން ރޫމްގެ އެޕާޓްމެންޓު ވެސް ހިމެނޭ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ވިހަދީގެން ކޯމަޔަކަށް ދިޔަ ނަވަލްނީގެ އެކައުންޓްތައް ފްރީޒްކޮށްފައި މިވަނީ ޖަރުމަނު ވިލާތުގެ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ފަހު ދޫކޮށްލިތާ އެއް ދުވަސް ފަހުންނެވެ.

ނަވަލްނީގެ ޓީމުން ތުހުމަތު ކުރައްވާ ގޮތުގައި އޭނާ އަށް ވިހަ ދީފައިވާނީ ރަޝިޔާ ސަރުކާރުގެ އޯޑަރަށެވެ.

ރަޝިޔާގެ ރައީސް ލަޑްމީރް ޕޫޓިންގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގެންދަވާ ނަވަލްނީ ހާލުކޮޅު ދެރަވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާގެ ފްލައިޓެއްގެ ތެރޭގައި ސައިފޮދު ހިއްޕެވި ހިސާބުންނެވެ. ރަޝިޔާގައި ފަރުވާ ހޯއްދެވުމަށް ފަހު އޭނާ ދެން ފަރުވާ ހޯއްދެވީ ޖަރުމަނުގެ ހޮސްޕިޓަލެއްގައެވެ.

ރަޝިޔާގެ ކޯޓުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ނަވަލްނީގެ މައްސަލަ އެއް ދަނީ ބަލަމުންނެވެ. އެއީ މިދިޔަ އަހަރު މޮސްކޯގެ ސްކޫލްތަކަށް ކާބޯތަކެތި ފޯރުކޮށްދޭ ކުންފުންޏަކުން ރައްްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް ފޯރުކޮށް ދިނުމުގައި އަމަލު ކުރި ކަމަށް ބުނެ ތައްޔާރު ކުރި ރިޕޯޓެއްގެ މައްސަލައެވެ.

އެ މައްސަލާ ގައި، އެ ކުންފުނީގެ އަގުވެއްޓޭ ގޮތަށް ނަވަލްނީގެ މައުލޫމާތު ދައުރު ކުރުވާފައި ވާތީ ބަދަލުގެ ގޮތުގައި 1.4 މިލިއަން ޑޮލަރު ދޭން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ސްކޫލުގެ ކާބޯތަކެއްޗާ މެދު ސުވާލު އުފެއްދި ވީޑިއޯ ޑިލީޓް ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނަވަލްނީއާ އޭނާގެ ޓީމުން ރައީސް ޕޫޓިންގެ ސިޔާސަތުތަކަށް ފާޑު ކިޔާ، މުޒާހަރާތައް ވަނީ މިދިޔަ އަހަރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް