ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 00:18
އަހުމަދިއްޔާ ކޮޅަށް ލަނޑު ޖެހުމަށްފަހު ދ.އަތޮޅު ތައުލީމީ މަރުކަޒުން އުފާފާޅުކުރަނީ
އަހުމަދިއްޔާ ކޮޅަށް ލަނޑު ޖެހުމަށްފަހު ދ.އަތޮޅު ތައުލީމީ މަރުކަޒުން އުފާފާޅުކުރަނީ
ރާއްޖެއެމްވީ
އިންޓަ ސްކޫލް ފުޓުބޯޅަ
އިންޓަ ސްކޫލް 18 އަހަރުން ދަށް: ދ.އަތޮޅު ތައުލީމީ މަރުކަޒު އަދި ވިލާ ހައި ސްކޫލަށް މޮޅެއް
އަރަބިއްޔާ އަތުން ވިލާ މޮޅުވީ 0-4 ގެ ނަތީޖާއަކުން
އަހުމަދިއްޔާ މައްޗަށް ދ.އަތޮޅު ތައުލީމީ މަރުކަޒު ކުރިހޯދީ 1-3 ގެ ނަތީޖާއަކުން

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރައިގައި ދ.އަތޮޅު ތައުލީމީ މަރުކަޒުން އަހުމަދިއްޔާ ސްކޫލް ބަލިކުރިއިރު، އަލް މަދަރަސަތުލް އަރަބިއްޔާގެ މައްޗަށް ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން ވަނީ ކުރިހޯދާފައެވެ.

އަންގާރަދުވަހު ހަވީރު ކުޅުނު މި މެޗު އަހުމަދިއްޔާއާ ވާދަކޮށް ދ.އަތޮޅު ތައުލީމީ މަރުކަޒުން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި ދ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން އިފްހާމެވެ.

މި ލަނޑަށްފަހުވެސް ދ.އަތޮޅު ތައުލީމީ މަރުކަޒުން ދިޔައީ އަހުމަދިއްޔާގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތު ހޯދަމުންނެވެ. އެގޮތުން ނުވަ ވަނަ މިނެޓުގައި މާއިޒް ވަހީދު ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އަހުމަދިއްޔާގެ މައްޗަށް ދ.އަތޮޅު ތައުލީމީ މަރުކަޒު ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން އަހުމަދިއްޔާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ލަނޑު ޖެހުމަށްވެސް އެޓީމަށް ވަނީ ހުސްފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މެޗުގެ 72 ވަނަ މިނެޓުގައި ދ.އަތޮޅު ތައުލީމީ މަރުޒަކުން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރުޝާމް އާދަމް ނަސީރެވެ.

މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު އަހުމަދިއްޔާ އިން ކާމިޔާބުކުރި އިރު، މެޗުގެ 75 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަފްރާޒެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުން އަރަބިއްޔާގެ މައްޗަށް ވިލާ އިން ކުރިހޯދީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި ވިލާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޔާން މުހައްމަދު ރަޝީދެވެ. އޭގެ ދެ މިނެޓު ފަހުން މުސައްނަފް މުހައްމަދު ވަނީ އެޓީމަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އަރަބިއްޔާގެ މައްޗަށް ވިލާ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ވިލާ އިން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޝާވިންއެވެ. މެޗުގައި ވިލާ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 62 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުސައްނިފް މުހައްމަދެވެ.

- ކޮމެންޓް