ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 07:54
ލެސްޓާ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-0 ން
ލެސްޓާ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
އާސެނަލާއި ޗެލްސީ ހަތަރުވަނަ ބުރަށް
ލެސްޓާ ސިޓީ އަތުން އާސެނަލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
ބާންސްލީ އަތުން ޗެލްސީ މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ހަތަރުވަނަ ބުރުން އާސެނަލާއި ޗެލްސީ ފުރުސަތު ހޯދައިފިއެވެ.

ލީގު ކަޕްގައި ބުދަ ދުވަހުގެރޭ އާސެނަލް ކުޅުނު މެޗުން އެ ޓީމު މޮޅުވީ ލެސްޓާ ސިޓީ އަތުން 2-0 ންނެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ލެސްޓާގެ ޑިފެންޑަރު ކްރިސްޓިއަން ފުކްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގައި އާސެނަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ ފަހު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެޑްވަޑް ކެޓިއާއެވެ.

ލެސްޓާ ބަލިކޮށް ލީގު ކަޕުގެ ހަތަރުވަނަ ބުރުން އާސެނަލް ޖާގަ ހޯދިއިރު، ހަތަރުވަނަ ބުރުގައި ލިވަޕޫލާ ދެކޮޅަށް އާސެނަލް ނުކުތުމުގެ ފުރުސަތު އެބައޮތެވެ. ތިންވަނަ ބުރުގައި ލިންކަން ސިޓީއާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރޭ ލިވަޕޫލް ނުކުންނައިރު، މި މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ، ހަތަރުވަނަ ބުރުގައި އާސެނަލާއި ލިވަޕޫލް ބައްދަލުކުރަން ޖެހޭނެއެވެ.

ޗެލްސީ އާއި ބާންސްލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 6-0 ން

މީގެ އިތުރުން ލީގު ކަޕްގެ ހަތަރުވަނަ ބުރުން ޗެލްސީ ޖާގަ ހޯދީ ތިންވަނަ ބުރުގައިބުދަ ދުވަހުގެރޭ ބާންސްލީ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ޒުވާން ތަރި ކައި ހަވާޓްޒް ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ މި ޓްރާންސްފާ ބާޒާރުގައި ބަޔާ ލެވަކޫސެން ދޫކޮށް ޗެލްސީއާ ގުޅުނު ހަވާޓްޒް އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ރޮސް ބާކްލީ ޗެލްސީގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ހަ މިނެޓު ފަހުން ހަވާޓްޒް ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ހަވާޓްޒް އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، ޗެލްސީގެ ހަވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖަހައިދިނީ އޮލިވިއޭ ޖިރޫޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް